ސާފް ސުޒުކީ ކަޕްގައި ދިވެހި ކުޅުންތެރިން މަސައްކަތް ކުރީ ގައުމަށްޓަކާ ކަމަށް، ދިވެހި ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފިއެވެ.

އިންޑިޔާގެ މައްޗަށް 2-1 އިން ކުރި ހޯދާ ސާފް ސުޒުކީ ކަޕް ރާއްޖެ އިން މިރޭ ކާމިޔާބުކުރިއިރު، މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ސެގާޓް ބުނީ މިއީ ގައުމީ ޓީމަށް ލިބެންޖެހޭ މޮޅެއް ކަމަށާއި މި މުބާރާތުގައި ކުޅުންތެރިން މަސައްކަތް ކުރީ ގައުމަށާއި ހުރިހާ ދިވެހި ރައްޔިތުންނަށްޓަކާ ކަމަށެވެ.

"އަހަރެން ވަރަށް އުފާވެއްޖެ. މިއީ އަހަރެމެންނަށް ލިބެން ޖެހޭ މޮޅެއް. ސެމީ ފައިނަލަށް ދިޔަހިސާބުންވެސް ބުނިން ފުރަތަމަ ދިމާވާ ކަންތަކަށްވުރެ ނިންމާ ގޮތޭ މުޙިންމީ. ކުޅުންތެރިން ބުރަ މަސައްކަތްކުރީ ޤައުމަށްޓަކާ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްޓަކާ. އަހަރެން ފުރަތަމަ އައި ދުވަހުވެސް ހުރިހާ ކުޅުންތެރިން ކައިރީގައި ބުނިން، އަހަރެން މި ނިކުންނަނީ ސާފް ނަގަންށޭ" ސެގާޓް ބުންޏެވެ.

މިރޭގެ ނަތީޖާއިން ޒުވާން ޖެނެރޭޝަނެއް ރާއްޖޭގައި އޮތްކަން އެނގިގެން ގޮސްފި ކަމަށާއި މިއީ ރާއްޖޭގެ ކުރިމަގަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށްވެސް ސެގާޓް ބުންޏެވެ.

މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ބުނީ މެޗުން މޮޅުވީ "ޓެކްޓިކަލް" ޑިސިޕްލިން ހިފެހެއްޓުމުން ކަމަށާއި އެގޮތުން ކެޕްޓަން އަކްރަމް އަށް އަނިޔާވުމުން ކޮންމެވެސް ވަރަކަށް އުނދަގޫތަކެއް ވެގެންދިޔަ ކަމަށެވެ. ނަމަވެސް މުޅި މެޗުގައި ވެސް ޓީމުގެ ރޫހަށް އެއްވެސް ބަދަލެއް ނާންނަކަން ކޯޗު ފާހަގަކުރިއެވެ.

"ޓީމުގެ ރޫހަކަށް ބަދަލެއް ނާދޭ. އިތުރު ގޯލްތަކެއް ޖަހަން ކުޅުންތެރިން ކުޅުނީ. ޒުވާން ކުޅުންތެރިން ބަދަލު ގެނެސްގެން ކުޅުނީ" ކޯޗު ބުންޏެވެ.

މި ތަށްޓާއެކު ދިވެހިންނަށް އުފާވެރިކަމެއް ލިބިގެންދިޔަ ކަމަށް އުއްމީދުކުރާ ކަމަށާއި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާ އެކު ދިވެހި ފުޓްބޯޅަ އިތުރަށް ބިނާކުރަންޖެހޭ ކަމަށްވެސް ސެގާޓް ބުންޏެވެ. މީގެއިތުރުން ސެގާޓް ވަނީ މި ކާމިޔާބީ އޭނާގެ އުފަން ގައުމު ކަމަށްވާ އަފްގާނިސްތާނަށް ވެސް ހާއްސަކޮށްފައެވެ.