ރަން ކާމިޔާބެއް ހޯދައި، ކަރުގައި ރަން މެޑެއްޔެއް އަޅަން ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެއެވެ. ހާއްސަކޮށް ދުނިޔޭގެ ފެންވަރުގައި ނުވަތަ ސަރަހައްދީ ފެންވަރުގައި ކުޅޭ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދަން ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެއެވެ.

މިއަދަކީ ރާއްޖޭގެ ގައުމީ ޓީމަށް ރަން ދުވަހެކެވެ. އަހަރުތަކަކަކަށްފަހު އަނެއްކާވެސް ރަން ކާމިޔާބީއަކާ ހަމައަށް ވާސިލްވެވިއްޖެއެވެ. ގްރޫޕް ސްޓޭޖުގައި އެންމެ ރަނގަޅަށް ކަންތައް ވެގެންނުދިޔަ ކަމުގައިވިޔަސް އަދި އެތައް ފާޑުކިޔުންތަކެއް އަމާޒުވިޔަސް ގައުމީ ޓީމު ފައިނަލަށް ނުކުތީ ގައުމީ ޖޯޝުގައެވެ. ގައުމަށްޓަކައި ބޮޑު އިންޑިއާ ބަލިކޮށް، ދިވެހި ފަސްގަނޑަށް ތަށި ގެންދިއުމުގެ ވަރުގަދަ އަޒުމުގައެވެ.

ސާފް ޗެމްޕިއަންޝިޕް 2008 އަށްފަހު ދިވެހިން ތިބީ އިތުރު ތަށްޓެއްގެ އިންތިޒާރުގައެވެ. ގްރޫޕް ސްޓޭޖުގައި 2-0ގެ ނަތީޖާއަކުން އިންޑިއާ އަތުން ރާއްޖެ ބަލިވުމުން ދެން ރާއްޖެއިން މަސައްކަތްކުރީ ފައިނަލަށް ގޮސް، ޗެމްޕިއަންކަން ހޯދާށެވެ. އެންމެ ފަހުން ރާއްޖެއިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިންޑިއާ އަތުން 2-1ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ސާފް ސުޒުކީ ކަޕްގެ ކާމިޔާބީއާއެކު ރާއްޖޭ ޓީމުން އުފާފާޅު ކުރަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ބަންގުލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި މިއަދު ކުޅުނު ފައިނަލް މެޗު ދިވެހި ޓީމު ނިންމާލީ ޝުކުރުގެ ސަޖިދައަކުންނެވެ. އެއަށްފަހު ދިވެހި ކުޅުންތެރިން ދިޔައީ ހިތުގެ އެންމެ ފުންމިނުން ދިވެހިންނަށް ޝުކުރު އަދާކޮށް، އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

ޒުވާން ޓީމަކާއެކު މުބާރާތަށް ނުކުތް ކޯޗު ޕީޓާ ސެގަޓް، ފައިނަލް މެޗަށްފަހު ބުނިގޮތުގައި ކުޅުންތެރިން ބުރަ މަސައްކަތްކުރީ ގައުމަށްޓަކައެވެ. އަދި މިއީ ދިވެހިންނަށް ހައްގު ކާމިޔާބެއް ކަމަށް ސެގަޓް ދެކެއެވެ.

ސާފް ސުޒުކީ ކަޕްގެ ކާމިޔާބީއާއެކު ރާއްޖޭ ޓީމުން އުފާފާޅު ކުރަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

"އަހަރެން ވަރަށް އުފާވެއްޖެ. އަހަރެމެންނަށް މި ކާމިޔާބު ހައްގު. ކުޅުންތެރިން ބުރަ މަސައްކަތްކުރީ ގައުމަށްޓަކައި. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްޓަކައި. ރާއްޖޭގެ ރައްޔިތުންނަށް ވެސް މި މޮޅު ހައްގު. އަހަރެން ރާއްޖޭގެ ރައްޔިތުންނަށް ތަށި ގެނެސްދޭނެ ކަމުގެ ވައުދުވިން،" ރަން ކޯޗު ސެގަޓް ބުންޏެވެ.

މުބާރާތުގައި އެންމެ މުހިންމު އަދާކުރި އެއް ކުޅުންތެރިޔަކީ ގޯލްކީޕަރު މުހައްމަދު ފައިސަލެވެ. ކީޕަރު ފައިސަލް ވަނީ ގްރޫޕް ސްޓޭޖުގައި ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗާއި ސެމީ ފައިނަލްގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އޭގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ކީޕަރު ފައިސަލެވެ. ފައިސަލް ވެސް ވަނީ އެ ކާމިޔާބަށްފަހު ދިވެހިންނަށް ޝުކުރު އަދާކޮށްފައެވެ.

ފައިސަލް އަށް އިނާމު ހަވާލުކުރަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މިއީ ފުޓްބޯޅަ ހަޔާތުގައި އެންމެ އުފާވެރި ދުވަސް. އުފަލުގައި ފުރަތަމަ ﷲއަށް ޝުކުރު ކުރަން. އެއަށްފަހު ރާއްޖޭގެ އެންމެންނާއި ކޯޗިން ސްޓާފުންނަށް ޝުކުރު އަދާކުރަން،" އޭނާ ބުންޏެވެ.

އިންޑިއާ ކޮޅަށް ފުރަތަމަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ، ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ވެސް ބުނިގޮތުގައި ކުޅުނީ ގައުމަށްޓަކައެވެ. ކާމިޔާބީ ހޯދައިދިނީ ގައުމަށެވެ.

ޜާއްޖެއާއި އިންޑިއާ ވަދަކުރާ ސާފް ޗެމްޕިއަންޝިޕް ފައިނަލްގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

"އަލްހަމްދުﷲ. އަހަރެން ވަރަށް އުފާވެއްޖެ. ކުޅުނީ ގައުމަށްޓަކައި. މި ކާމިޔާބު ހޯދައިދިނީ ގައުމަށް. ހުރިހާ ރައްޔިތުންނަށް. ފައިނަލުގައި ލަނޑެއް ޖެހުމުން އުފާކުރަން،" ފޭދޫ އިއްބެ ބުންޏެވެ.

ފައިނަލުގައި ކިތަންމެ ކުޅެން ބޭނުންވި ނަމަވެސް، އަނިޔާގެ ސަބަބުން ބައިވެރިނުވެވުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ މުހިންމު މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) ވެސް ހުރީ ވަރަށް އުފަލުންނެވެ. ކޮންމެ ކުޅުންތެރިއެކޭ އެއްގޮތަށް އޭނާ ވެސް ދެކޭގޮތުގައި ކާމިޔާބު ހޯދުނީ ގަތަރުން ފެށިގެން މިހާ ހިސާބަށް ކުޅުންތެރިން ކުރި ބުރަ މަސައްކަތުންނެވެ.

"الحَمْد لله‎‎. މިއީ ގަތަރުން މިހާ ހިސާބަށް ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތުން ހޯދުނު ކާމިޔާބީއެއް. މިއީ ގައުމުގެ ބުރަ މަސައްކަތް. އަހަރެމެން މިތަނަށް އައީ ގައުމު ފަހުރުވެރިކޮށްދޭނަން. އަހަރެމެން ހިތްވަރު އެލުވައެއް ނުލަން،" ގްރޫޕް ސްޓޭޖުގެ ދެ މެޗުގައި މުހިންމު ދައުރެއް އަދާކުރި އިރޭ ބުންޏެވެ.

ޗެމްޕިއަންކަން ހޯދުމަށްފަހު ރާއްޖޭގެ ނާއިޒް ހަސަން (ދާދު)އާއި އަހްމަދު އިމާޒް (އާއްކޮ) އަދި ހުސައިން ޝިފާއު ޔޫސުފް އުފާފާޅުކުރަނީ -- ވަގުތު އިމޭޖާސް: އިބްރާހިމް ޝާބިލް

ރާއްޖޭގެ ހަލުވި ފޯވަޑް ނާއިޒް ހަސަން (ދާދު) ބުނިގޮތުގައި މިއަދު ހޯދުނު ކާމިޔާބީގެ ފަހަތުގައި އެންމެންގެ ދައުރު ހިމެނެއެވެ. އެ ކާމިޔާބަކީ އެންމެންގެ ބުރަ މަސައްކަތުން ހޯދުނު ކާމިޔާބެއް ކަމަށް އޭނާވެސް ދެކެއެވެ.

މި ކާމިޔާބާއެކު ދިވެހި ޓީމުގެ ކޮންމެ ކުޅުންތެރިޔަކު ވެސް ހުރީ ވަރަށް އުފަލުންނެވެ. އެ ކުޅުންތެރިންނަށް މިއަދު ވެގެންދާނީ ފުޓްބޯޅަ ކެރިޔަރުގެ އެންމެ އުފާވެރި ދުވަހަށެވެ. އެ ކުޅުންތެރިން ދެކޭގޮތުގައި ކާމިޔާބީގެ ފަހަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ދިވެހި ރައްޔިތުންނެވެ.

ސާފް ޗެމްޕިއަންޝިޕް 2008ގެ ކާމިޔާބީއަށްފަހު ދިވެހި ޓީމު، ސްރީލަންކާއިން ތަށްޓާއެކު އެނބުރި ރާއްޖެއަށް ދިއުމުން ރަތް ކުލައިގެ ބޮޑު މަރުހަބާއެއް ކިޔެވެ. ހަމަ އެގޮތަށް މިފަހަރު ބަންގުލަދޭޝްއިން ތަށްޓާއެކު އެނބުރި ޓީމު ދިއުމުން ވެސް ދިވެހި ޓީމަށް އެވަރުގެ މަރުހަބާއެއް ކިޔާނެ ކަމަށް ޓީމު އުންމީދުކުރެއެވެ.