ބަންގްލަދޭޝްގެ ޑާކާއިން: އިއްޔެއަކީ އަނެއްކާވެސް ރާއްޖޭގެ ފުޓުބޯޅައިގެ "ރަން ސަފްހާ"އެއް ލިޔެވުނު ދުވަހެކެވެ. ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް، ދިވެހި ކުޅުންތެރިން ދެވަނަ ފަހަރަށް އަޅާލި ދުވަހެވެ. ފުޓުބޯޅައިން ދިވެހީން އުފާ ހޯދި ދުވަހެކެވެ.

ޒުވާން ޓީމަކާއެކު މުބާރާތަށް އައިސް، ވަރުގަދަ އިންޑިއާ ފަދަ ގައުމުތައް ބަލިކޮށް، ދިވެހީންނަށް ރަން މެޑަލް ލިބުމުގައި ކުޅުންތެރިންގެ އެތަކެއް ގުރުބާނީއެއް ވެއެވެ. ކުރިމަތިވަމުން އައި ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ގައުމަށް ރީތި ނަން ހޯދައިދިނީ ކުޅުންތެރިންގެ އެކުވެރިކަމާ ބުރަ މަސައްކަތުންނެވެ. މިފަހަރުގެ "ރަން ޓީމު"އަކީ އެކުވެރި ޓީމެކެވެ. ބަދަހި ޓީމެކެވެ. މިހާތަނަށް ރާއްޖެ ދުށް، ޓީމު ރޫހު އެންމެ ވަރުގަދަ ޓީމެވެ.

ރާއްޖެއަށް ލިބުނު ކާމިޔާބީއާއިއެކު ކުޅުންތެރިންނާއި ދިވެހި ޓީމު އުފާ ފާޅުކުރުން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މީޑިއާގެ އިތުރުން ބައެއް ސަޕޯޓަރުންގެ ފަރާތުންވެސް ޓީމަށް ބޮޑެތި ޕްރެޝަރުތަކެއް ކުރުވާފައި އޮތް ދަނޑިވަޅެއްގައި، ޓީމަށް އެ އެކުވެރިކަން ގެނެސްދިނީ ކޯޗިން ސްޓާފުންނާއި ޓީމުގައި ތިބި ލީޑަރުންގެ މިންނެއް މަސައްކަތުންނެވެ. ހާއްސަކޮށް ގައުމީ ކެޕްޓަނެއްގެ ހައިސިއްޔަތުން، އަކުރަމް އަބްދުލްޣަނީ (އަކޫ) ދެއްކި ނަމޫނާ މަންޒަރުތަކުންނެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެ ފެނުނީ އާދައިގެ ޓީމެއްގެ ގޮތުގައެވެ. މޮޅެއް ނުލިބި ސެމީއަށް ދިޔައީ ލަންކާއާ ހުރިހާ ގޮތަކުން އެއްވަރުވެ، ނެގި ގުރުއަތުގެ ނަސީބުންނެވެ. އެ ވަގުތުކޮޅުގައި އަކޫގެ ޝުކުރުގެ ސަޖިދައާއެކު ޓީމަށް ހިތްވަރު ގެނުވިއެވެ. ސަޕޯޓަރުންނަށް އުންމީދު އާކޮށްދިނެވެ.

ސެމީ ފައިނަލްގައި ނޭޕާލާ ދެކޮޅަށް ޓީމު ނުކުތީ، ގްރޫޕް ސްޓޭޖް ހަނދާން ނައްތާލުމަށެވެ. ބުނެލަން ފަސޭހަ ނަމަވެސް، ފުޓުބޯޅައިގައި އެފަދަ ހާލަތެއް ބަދަލުކުރުމަކީ އުނދަގޫ މަސައްކަތެކެވެ. ޓީމުގެ ވަރުގަދަ ލީޑަރެއް ނެތި، އެކަން ނުވާނެކަންވެސް ޔަގީނެވެ. ސެމީ ފައިނަލް މެޗުގެ ފުރަތަމަ ގޯލާއެކު އަކޫ، އަނެއްކާވެސް މުޅި ދިވެހި ރާއްޖެއަށް އޭނާގެ ލީޑާޝިޕް ދައްކާލިއެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަކޫ، ޓީމާއެކު މެޗަށް ނުކުންނަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ގައުމީ ޓީމުގެ ޑިފެންސް އޯގަނައިޒްކޮށް، ދަނޑުމަތީގައި ހުރިހާ ވާހަކައެއް ދައްކައި، ޒުވާން ޓީމަށް ހިތްވަރު ދިނުމުގައި އަކޫ ދެއްކީ ލާމަސީލު މިސާލެކެވެ. މި ފަހަރުގެ ޓީމަށް ހިތްވަރު ދިނުމަށް ޑާކާއަށް އައިސް މެޗުތައް ބަލަމުންދިޔަ، އޭނާގެ ބޭބޭ، 2008 ވަނަ އަހަރުގެ "ރަން ކެޕްޓަން" އައްސަދު އަބްދުލްޣަނީވެސް ފަހުރުވެރިވާނެ މަންޒަރުތަކެކެވެ.

ފައިނަލް މެޗަށް ޓީމު ގޮވައިގެން ނުކުތުންވެސް އަކޫއަށް ހާއްސައެވެ. އޭނާ ފުޓުބޯޅައިގެ ތެރެއަށް ނެރެދިން ބޭބެ، އައްސަދުގެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ. އާއިލާގެ ފުޓުބޯޅަ ލެގަސީ ދެމެހެއްޓުމަށެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި އަކޫއަށް އަނިޔާވެ، އޭނާ ބަދަލުކުރަން ޖެހުނު ނަމަވެސް، ބެންޗުންވެސް އޭނާ ދިޔައީ ޓީމާއެކު ހިތްވަރުކުރަމުންނެވެ. ކުޅުންތެރިންނަށް އިރުޝާދު ދެމުންނެވެ. ރެފްރީންގެ ބައެއް ނިންމުންތަކަށް ޝަކުވާވެސް ކުރަމުންނެވެ. ބެންޗުގައި އިނދެ، ރެފްރީއަށް ޝަކުވާ ކުރުމުގެ ސަބަބުން އަކޫއަށް ވަނީ ކާޑުވެސް ދައްކާފައެވެ.

އިއްޔެ ތަށްޓާއެކު މާފަރަށް އުފަން ދެ "ރަން ކެޕްޓަން"އިން އުފެދުނީއެވެ. 2008 ވަނަ އަހަރުގައި އައްސަދު އުފުލާލި ސާފް ޗެމްޕިއަންޝިޕަށްފަހު 2018 ވަނަ އަހަރު ތަށި އުފުލާލީ އޭނާގެ ކޮއްކޮ އަކޫއެވެ. ދެ ކުޅުންތެރިންވެސް ތިބީ 13 ނަންބަރުގެ ގައުމީ ޖާޒީގައެވެ. ކުޅެމުންދާ ކްލަބަކީވެސް ހަމަ ނިއު ރޭޑިއަންޓެވެ. ބޮޑެތި އިއްތިފާގުތަކެކެވެ.

" ވަރަށް ވަރަށް ބޮޑަށް އުފާވެއްޖެ. ވަރަށް ބޮޑަށް ފަހުރުވެރިވެއްޖެ. މިއީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށްވުރެ ވަކި ކުޑަ އުފަލެއް ނޫން. އަމިއްލައަށް ތަށި އުފުލާލެވުނީމަ ވީ އުފަލަށްވުރެ މާ ބޮޑު އުފަލެއް އަކޫ އެ ތަށި އުފުލާލިތަން ފެނުމަކީ. އަކޫ އެކަންޏެއްވެސް ނޫން. އޭގެން ހަމަ ކޮންމެ ކުޅުންތެރިއަކަށްވެސް އެ އިހުތިރާމް ކުރަން. އަބަދުވެސް ވަރަށް ބޮޑަށް އިހުތިރާމްކޮށް، އެއްކޮށް ކުޅެމުން އައި ޒުވާން ކުޅުންތެރިން އެ ތިބީ. މުޅި އާއިލާއަށްވެސް ލިބުނު އުފަލެއް، ފަހުރެއް މިއީ. ރާއްޖެއިން ބޭރުން ގެނައި ތިން ތައްޓެއްގައިވެސް މިހާރު އަޅުގަނޑުމެންގެ އާއިލާ ހިއްސާ އެބައޮތް. ޓީސީން ޝޭހް ކަމާލް ހޯދި އިރު، ފަހު ޕެނެލްޓީ ޖެހީ ދަރިފުޅު، މިއަދު ކޮއްކޮ، 2008 ގައި އަޅުގަނޑު،" އިއްޔެގެ މެޗަށްފަހު އުފަލުންގޮސް ރޮވިފައި ހުރި އައްސަދު "ވަގުތު"އަށް އޭނާގެ އުފާވެރިކަން ހިއްސާކުރިއެވެ.

ސާފް ސުޒުކީ ކަޕް 2018 ސެމީ ފައިނަލް: ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދިވެހި ކުޅުންތެރިންގެ ތެރެއިން ސާފް ޗެމްޕިއަންޝިޕެއްގެ ރަން މެޑަލް ދެ ފަހަރަށް އަޅާލުމުގެ ޝަރަފު ލިބުނީ އެންމެ ދެ ކުޅުންތެރިއަކަށެވެ. އެއީ މިހާރުގެ ކެޕްޓަން އަކޫއާއި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށެވެ. އިއްޔެގެ މެޗަށްފަހު އުފަލުން ފޮޅިފައި ހުރި އަކޫ "ވަގުތު"އަށް ބުނީ އުފާވެރިކަމުގެ އިހުސާސްތައް އޭނާއަށް ބުނެދޭންވެސް ނޭނގޭ ކަމަށެވެ.

" ބުނާނެ އެއްޗެއްވެސް ނޭނގެ. އެކުވެރިކަމާއި އެއްބައިވަންތަކަން މިއީ. ޓީމު ވަރަށް އުނދަގޫ ހާލަތެއްގައި އަސްލު އޮތީ. ހަގީގަތަށް ބުނަންޏާ ދިވެހީން މި ޓީމަށް އިތުބާރުވެސް ނުކުރޭ. އެކަމަކު ޓީމުން ތަފާތު ފެނުނީ އެކުވެރިކަމާ ބަދަހިކަމުން. ކެރިއަރުގައި އަދި މިހާތަނަށް މިވަރުގެ އެކުވެރި ޓީމަކާއެކު ނުކުޅެން. މައްސަލަތައް ހުރި، އެކަމަކު އެކަންކަން ހައްލުކުރަން ޓީމު އެކައްޗެއް ކިޔައިގެން މަސައްކަތް ކުރީ،" އަކޫ ބުންޏެވެ.

ރާއްޖެއަށް ލިބުނު ކާމިޔާބީއާއިއެކު ކުޅުންތެރިންނާއި ދިވެހި ޓީމު އުފާ ފާޅުކުރުން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އައްސަދުގެ "ރަން" ލެގަސީ ދެމެހެއްޓުމުން ލިބުނު އުފާވެސް އަކޫ ހިއްސާކުރިއެވެ.

" ފުޓުބޯޅައިގެ ތެރެއަށް ނެރެދިނީ އައްސަދުބެ. އޭރުވެސް އުންމީދެއް ގައުމީ ޓީމަށް ކުޅެ، ތައްޓެއް ހޯދުމަކީ. މިސާލަކަށްވެސް ބެލީ ބޭބެ. 2008ގެ ޓީމުގަިއ ހިމެނި، އެ ރަން މެޑަލް ލިބުނު ހިސާބުންވެސް ބޭނުންވި ކެޕްޓަން ބޭންޑް އަޅައިގެން ތައްޓެއް އުފުލާލަން. މިއީ ކެރިއާ އެއްކޮށް ފުރިހަމަވީއޭވެސް ބުނެވިދާނެ. ވަރަށް ބޮޑު ފަހުރެއް މިއީ،" އަކޫ ބުންޏެވެ.

އަކޫއާއި އޭނާގެ ބޭބެ، އައްސަދަކީވެސް ދިވެހީންގެ ފަހުރެކެވެ. ދިވެހި ފުޓުބޯޅަ ތާރީހުގައި "ރަން ކެޕްޓަނުން"ގެ ގޮތުގައި ނަން ލިޔެލެވޭނެ ދެ ލީޑަރުންނެވެ.