އެޑެން ހަޒާޑްގެ ހެޓްރިކާ އެކު 4-1 އިން ކާޑިފް ސިޓީ ބަލިކުރުމަށްފަހު ޕްރިމިއާ ލީގުގެ އެއްވަނަ އަށް ޗެލްސީ އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޗެލްސީ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ލިބުނު 15 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލިވަޕޫލް އަށް ވެސް 15 ޕޮއިންޓު ލިބިފައިވާއިރު ޗެލްސީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ތިންވަނައިގައި 13 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީއެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ކާޑިފް އިންނެވެ. މި ގޯލު މެޗުގެ 16 ވަނަ މިނެޓްގައި ކާޑިފް އަށް ކާމިޔާބުކޮށްދިނީ ބަމްބާއެވެ. ކާޑިފްގެ މި ގޯލާއެކު ޗެލްސީން ދިޔައީ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 37 ވަނަ މިނެޓްގައި އެޑެން ހަޒާޑް ވަނީ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ހަޒާޑް ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މެޗުގެ ލީޑު ނަގާދީފައެވެ.

ދެވަނަ ހާފްގައި ވެސް ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ޗެލްސީން ދިޔައީ ތަނަވަސް ކުރަމުންނެވެ. އެގޮތުން މެޗުގެ 80 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ހަޒާޑް ވަނީ ޗެލްސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ ޗެލްސީ އަށް ބަދަލުވިފަހުން ހަޒާޑް ހެދި ދެވަނަ ހެޓްރިކެވެ.

ޗެލްސީގެ ތިންވަނަ ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ވިލިއަންއެވެ. ވިލިއަން މި ގޯލު ކާމިޔާބުކުރީ ކާޑިފްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ރޭގެ މެޗުން ޗެލްސީ މޮޅުވިއިރު މިއީ 2010 ވަނަ އަހަރަށްފަހު ލީގުގައި ކުޅުނު ފުރަތަމަ ފަސް މެޗުން ޗެލްސީ މޮޅުވި ފުރަތަމަ ފަހަރެވެ. ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއެވެ.

ޗެލްސީގެ އިތުރުން ނުވަ ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައި އޮތް އާސެނަލް ވެސް ރޭ ވަނީ މޮޅުވެފައެވެ. އާސެނަލް މޮޅުވީ ލީގުގެ 18 ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާ ބައްދަލުކޮށް 1-2 އިންނެވެ. މި މެޗުގައި އާސެނަލް އިން ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ އޮޒިލް އާއި ޒަކާއެވެ.