ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ މޮޅުވިއިރު، ވާދަވެރި ރެއާލް މެޑްރިޑް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ މެޗުތަކުގެ ނަތީޖާތަކާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އޮތީ ބާސާއެވެ. ދެވަނައިގައި 10 ޕޮއިންޓާ އެކު ރެއާލް އޮތްއިރު ތިންވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ސެލްޓަ ވީގޯއެވެ.

ބާސާ ރޭ މޮޅުވީ ލީގުގެ 11 ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑްއާ ބައްދަލުކުރި މެޗުން 1-2 އިންނެވެ.

ސޮސިއެޑާޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 12 ވަނަ މިނެޓްގައި އެލުސްޓެންޑޯ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ސޮސިއެޑާޑް އަށް ލީޑު ނަގާދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ބާސާ އަށް ރަނގަޅު ދެ ފުރުސަތެއް ލިބިފައިވެއެވެ. އެގޮތުން ޕީކޭ ފޮނުވާލި ހަމަލާއެއް ސޮސިއެޑާޑްގެ ކީޕަރު ދިފާއުކުރިއިރު ރަކިޓިޗް ބޮލުން ފޮނުވާލި ހަމަލާ ދިޔައި ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

ސޮސިއެޑާޑް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް މެޗުގެ 63 ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ޑެމްބެލޭ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމު މި މެޗުން މޮޅުކޮށްދީފައެވެ،

ބާސާ މޮޅުވިއިރު ވާދަވެރި ރެއާލް އެއްވަރުވީ ލީގުގެ ހަތަރުވަނައިގައި އޮތް އެތްލެޓިކް ބިލްބާއޯއާ ބައްދަލުކޮށް 1-1 އިންނެވެ.

ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 32 ވަނަ މިނެޓްގައި މުނިއައީން ވަނީ ބިލްބާއޯ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 63 ވަނަ މިނެޓްގައި ދެވަނަ ހާފްގައި ކުޅެން އެރި އިސްކޯ ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ލީޑު ނަގަން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބިލްބާއޯގެ ކީޕަރު ސިމޯން ވަނީ ދިފާއުކޮށްފައެވެ.

ރެއާލްގެ އިތުރުން ލީގުގެ ފަސްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް ވެސް ރޭ ކުޅުނު މެޗުން ވީ އެއްވަރެވެ. އެޓީމު އެއްވަރުވީ އެއިބާއާ ބައްދަލުކޮށް 1-1 އިންނެވެ.