މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ލީރޯއި ސާނޭގެ ފެންވަރާ މެދު ސުވާލު ނުއުފައްދާ ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ސިޓީގައި މޮޅު ކުޅުމެއް ސާނޭ ދައްކާފައިވާއިރު މި ސީޒަނުގައި އޭނާ އަށް އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ވަނީ މުޅިން ގެއްލިފައެވެ. އެގޮތުން ލީގުގައި ސިޓީން އެންމެފަހުން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި ވެސް ސާނޭ ހިމަނާފައެއް ނުވެއެވެ.

ނަމަވެސް މި ސީޒަނުގައި ފުރަތަމަ ފަހަރަށް ސިޓީގެ ފުރަތަމަ އެގާރާގައި ހިމެނިގެން ސާނޭ ރޭ ޕްރިމިއާ ލީގުގައި ފުލަމްގެ މައްޗަށް 3-0 އިން ސިޓީން ކުރި ހޯދި މެޗުގައި ވަނީ ކުޅެފައެވެ. އެގޮތުން އެ މެޗުގެ ފުރަތަމަ ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ސާނޭއެވެ. ސިޓީގެ ގޯލުތަށް ދެން ކާމިޔާބުކޮށްދިނީ ސިލްވާ އާއި ސްޓާލިންއެވެ.

ފުރަތަމަ އެގާރައިން ސާނޭ އަށް ފުރުސަތު ލިބުން މަދުވެފައިވާ މައްސަލައާ ގުޅޭގޮތުން ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ ބައެއް ފަހަރު އެފަދަ ކަންތައްތައް ވެސް ދިމާވާނެ ކަމަށާއި ނަމަވެސް ޕްރޮފެޝަނަލް ގޮތެއްގައި އަމަލުތައް ބަހައްޓަން ހަނދާން ކުރަންޖެހޭނެ ކަމަށެވެ.

އަދި މިދިޔަ ދުވަސްތަކުގައި ސާނޭ އަށް ކުޅުމުގެ ފުރުސަތު މަދުން ލިބުނު ނަމަވެސް އޭނާގެ ފެންވަރާ މެދު ސުވާލު ނުއުފައްދާ ކަމަށްވެސް ގާޑިޔޯލާ ބުންޏެވެ.

"ސާނޭގެ ފެންވަރާ މެދު އަހަރުމެން ސުވާލެއް ނުއުފައްދަން. މިދިޔަ ސީޒަނުގައި ކިހާ މޮޅު ކުޅުންތެރިއެއްކަން އޭނާ ވަނީ ސާބިތުކޮށްދީފައި. އަނެއްކާ މި މެޗުގައި ވެސް ސާނޭ ވަރަށް މޮޅަށް ކުޅުނު. ސާނޭ ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ" ގާޑިޔޯލާ ބުންޏެވެ.

ރޭގެ މޮޅާއެކު ސިޓީ މިހާރު އޮތީ 13 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލް އަދި އެއްވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 15 ޕޮއިންޓެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ކާޑިފް ސިޓީއާއެވެ.