ސަރަހައްދީ ދެވަނަ ތަށްޓާއެކު މުޅި ރާއްޖެ އުފާފާޅުކުރަނީއެވެ. ފުޓުބޯޅައިގައި އަނެއްކާވެސް ރަން މެޑަލް ގެނެސްދީފިއެވެ. ޒުވާން ޓީމެއްގެ ހިތްވަރާއި ބުރަ މަސައްކަތުންނެވެ. ޓީމުގެ އެކުވެރިކަމާ ބަދަހި ގުޅުމާއި، ގައުމީ ޖޯޝުގައި ދެއްކި ހުނަރުންނެވެ. 10 އަހަރަށްފަހު ރާއްޖެއަށް ގެނައި އުފަލާއެކު ޓީމުގެ ޒުވާން ކޮންމެ ކުޅުންތެރިއަކަށްވެސް އުންމީދުތަކެއް ހާސިލް ވެއްޖެއެވެ. ހުވަފެންތަކެއްގައި ކުލަ ޖެހިއްޖެއެވެ.

އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ ފުޓުބޯޅައިގެ ބޮޑު ރަށެއް ކަމަށްވާ ބ. އޭދަފުއްޓަށް އުފަން އުމުރުން 23 އަހަރުގެ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 2014 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ހަމްޕު ވަނީ ގައުމީ 23 އަހަރުގެ ޓީމުގައިވެސް ރާއްޖެ ތަމްސީލު ކޮށްދީފައެވެ. މި އަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ހަމްޕުގެ ދެވަނަ ސާފް ޗެމްޕިއަންޝިޕެވެ. އިއްޔެ ރަން ތަށި ހޯދި ޓީމުގައި އޭނާއަކީ މުހިއްމު ކުޅުންތެރިއެކެވެ.

ސާފް ސުޒުކީ ކަޕް ފައިނަލް: ދިވެހިރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަމިއްލަ ރަށުން އުފެދު ފުޓުބޯޅަ ލޯބީގައި އޭނާ ދެކޭ ހުވަފެންތަކެއްވެސް އޮތެވެ. ފުރަތަމަ ޑިވިޝަންގައި ވިދާލާ ރާއްޖޭގެ ޝަރަފުވެރި ގައުމީ ޓީމުގެ ރަތް ޖާޒީ ލުމެވެ. ސަރަހައްދީ ބޮޑު މުބާރާތެއްގެ ތަށި ހޯދުމެވެ. ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލްއާއެކު އޭނާގެ އެ ހުވަފެންވެސް ހަގީގަތަކަށް ހަދައިފިއެވެ. ހަމްޕުގެ އުފާވެރިކަން އޭނާ ހިއްސާކުރީ ތަފާތު ދެ ފޮޓޯ ގަނޑަކުންނެވެ.

ފުރަތަމަ ފޮޓޯގައި ފެންނަނީ 2008 ގެ ޓްރޮފީއާއެކު އޭނާ ޅަ ދުވަސްވަރު ނަގާފައިވާ ފޮޓޯއެކެވެ. އެއީ 2008 ވަނަ އަހަރުގެ ދަށި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުރި ދަތުރުގައި ހަމްޕު ނަގާފައިވާ ފޮޓޯއެކެވެ. އެ ތަށްޓާއެކު ހަމްޕު ކުރި ޕޯސްޓްގައި ހިމެނޭ ދެވަނަ ފޮޓޯއަކީ އިއްޔެ ރާއްޖެއިން އުފުލާލި ތަށްޓާއެކު ހަމްޕު ނަގާފައިވާ ފޮޓޯއެކެވެ. އެ ދެފޮޓޯ ގަނޑާއެކު ހަމްޕު ދީފައި ވަނީ ކުރު އަދި ފުން މެސެޖެކެވެ.

ހަމްޕު ކޮށްފައިވާ އެފްބީ ޕޯސްޓް ---

"الحَمْد لله‎‎. އެންމެފަހުން އަހަރެންގެ ހުވަފެނެއް ހަގީގަތަކަށް ވެއްޖެ. ގައުމީ ޓީމަށް ކުޅުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް. ހުރިހާ އެންމެންވެސް ދިން ލޯތްބާ، ކޮށްދިން ހެޔޮ ދުއާއަށް ޝުކުރިއްޔާ. އިންޝާﷲ އަދި އިތުރުކުރިއެރުންތައް ފެންނާނެ،" ހަމްޕުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ)އަށް އަނިޔާވެ ބަދަލުކުރުމާއެކު އެ ހާފް ނިމެންދެން ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީވެސް ހަމްޕުއެވެ. ފަހުރުވެރިވާން ޖެހުނު މަންޒަރެކެވެ. ޒުވާން ލީޑަރުންތަކެއް އުފެދެމުންދާ ކަމުގެ ހެޔޮ ނިޝާންތަކެކެވެ. ކުޅުންތެރިންނަށް ކޯޗު ޕީޓާ ސެގަޓް ދިން އިތުބާރާއެކު މުސްތަގުބަލެއް ދައްކުވައިދީފިއެވެ. ސާފް ޗެމްޕިއަންޝިޕަށްވުރެ ދުރަށް، ދިވެހި ފުޓުބޯޅަ ގެންދިއުމުގައި ހަމްޕު ފަދަ ޒުވާން ހުނަރުވެރި ކުޅުންތެރިން، ލީޑަރުންނަށް ހެދުމަށް ކުރަން އޮތް މަސައްކަތައިގެން ކުރިއަށް ދާންވީއެވެ.