ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާއެކު އިޓާލިއަން ލީގުގައި މިރޭ ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ޔުވެންޓަސް އިން ކާމިޔާބުކޮށްފިއެވެ.

މި މޮޅާއެކު ޔުވެންޓަސް ލީގުގެ އެއްވަނައިގައި މިހާރު އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ނުވަ ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ތިންވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ މިރޭ ޔުވެންޓަސް އަތުން ބަލިވި ސަސުއޯލޯއެވެ.

ޔުވެންޓަސްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ގޯލްޖަހަން ދެ ޓީމަށް ވެސް މާގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެއް ނުވެއެވެ. ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 50 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް މެޗުގެ ލީޑު ނަގާދީފައެވެ. މިއީ ރެއާލް މެޑްރިޑުން 99 މިލިއަން ޕައުންޑުގެ އަގަކަށް ޔުވެންޓަސް އަށް ބަދަލުވި ފަހުން ރޮނާލްޑޯ އިޓާލިއަން ލީގުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އަދި މެޗުގެ 65 ވަނަ މިނެޓްގައި ޔުވެންޓަސްގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސަސުއޯލޯގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ 78 ވަނަ މިނެޓްގައި ހެޓްރިކް ފުރިހަމަކޮށްލަން ރޮނާލްޑޯ އަށް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ސަސުއޯލޯ އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބާބަކާއެވެ. އަދި މެޗުގެ އެންމެފަހު މިނެޓްގައި ސަސުއޯލޯގެ ކުޅުންތެރިއެއްގެ މޫނަށް ކުޅުޖެހުމާ ގުޅިގެން ރެފްރީ ވަނީ ޔުވެންޓަސްގެ ޑަގްލަސް ކޮސްޓާ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް ޔުވެންޓަސް މޮޅުވެފައިވާއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ފްރޮސިނޯނޭއާއެވެ.