ސާފު ސުޒުކީ ކަޕްގެ ތަށި ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ނިސްބަތްވާ ރަށްތަކަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ސާފު ސުޒުކީ ކަޕް ރާއްޖެ އިން ކާމިޔާބުކުރީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އިންޑިޔާއާ ބައްދަލުކޮށް 1-2 އިންނެވެ. މިއީ މި މުބާރާތް ރާއްޖެ އިން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެކުރިން މި މުބާރާތް ރާއްޖެ އިން ކާމިޔާބުކުރީ އިންޑިޔާ ބަލިކުރުމަށްފަހު 2008 ވަނަ އަހަރުއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ގައުމީ ޓީމުގައި ވަރަށް ގިނަ ރަށްތަކަށް ނިސްބަތްވާ ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިން ނިސްބަތްވާ ރަށްތަކަށް ތަށި ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

"އެ ކުޅުންތެރިންގެ އުފަން ރަށަށް މި ތަށި ގެންދިއުމަކީ އެ ކުޅުންތެރިން ވެސް ދެކޭނެ ވަރަށް ބޮޑު ހުވަފެނެއް. އަދި މިއީ ކުރިއަށް އޮތް ތަނުގައި ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށްވެސް ވާނެ" ބައްސާމް ވިދާޅުވިއެވެ.

މި ކާމިޔާބީ ލިބުނީ ކުޅުންތެރިން ކުރި މަސައްކަތުން ކަމަށާއި އެހެންކަމުން އެކަން ގަބޫލުކޮށް މި ކާމިޔާބީ ފާހަގަކުރަންޖެހޭ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

"މީގެ ހަގީގީ ހައްގުވެރިންނަކީ މި ކުޅުންތެރިން. އެ ކުޅުންތެރިންގެ އާއިލާ އާއި މައިންބަފައިން ކައިރިއަށް އެ ކުޅުންތެރިން މި ތަށި ހިފައިގެން ދިއުމަކީ އަޅުގަނޑުވެސް ދެކޭ ހުވަފެނެއް" ބައްސާމް ވިދާޅުވިއެވެ.

2008 ވަނަ އަހަރު ވެސް ރާއްޖެ އިން މި މުބާރާތް ކާމިޔާބުރުމުން މުބާރާތުގެ ތަށި ރާއްޖޭގެ ހުރިހާ ރަށަކަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައްޤުބަސް

    ހުރިހާ އަތޮޅަކަށް ތިޔަ ތަށި ގެންނަންވާނެ.. ޓީމުގެ އެސިސްޓެންޓް ކޯޗާ މެޑިކަލް ފަދަ ސުޓާފުންގެ ރަށްރަށަށްވެސް.. އެހެން ނޫނީ ތީ ހަމަ އެކަނި ކުޅުންތެރިންނަށް ލިބުނު އެއްޗެއް ޤައުމަށް ލިބުނު އެއްޗެއް ނޫނޭ ބައްސާމު ތިޔަ ބުނަނީ

  2. ޖިލޭބީ

    ކުރިން 2008ގައިވެސް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގެންދިޔަހެން ހީވަނީ. ކީއްވެޔޯ މިފަހަރު ވަކި ނުގެންދެވެންވީ. އަހަރެން ވަރަށް ކުޑައިރު އަހަރުން ރަށަށް ތިތަށިގެނައީ. އޭގައި އަތްޖައްސައިލަން ލިބުމަކީވެސް ފަޚުރެއް. ކުޅުމުަގއި ކުރިއަރަން އެތަށް ފިރިހެން ކުދިންނަށް ލިބުނު ހިތްވަރެއް.
    ހަމަ މިފަހަރުވެސް ކިތަންމެ ގިނަ ކުދިބަޔަކު އެބަތިބި އެކި ރަށްރަށުގައި ތި ތަށީގައި ހަމައެކަނި އަތްޖައްސައިލާން ބޭނުންވެފަ. ރާއްޖެ ތެރޭކުދިން މުޅި ޓީމުަގއިވެސް ތިހުރީ. ރާއްޖެ ތެރޭ ކުދިބައިވެސް ބޭނުންވޭ ބޮޑުވެގެން މޮޅު ފުޓުބޯޅަ ކުޅުންތެރިންނަށް ވާން. އެކަމަކު އެކަމަށްޓަކައި ކޮންމެ ފަހަރަކލު މާލެ އަންނަން ނުޖައްސަގް.

  3. ދެކުނު އދ.

    އެހެންވުއްޔާ އަރިއަތޮޅަށް ތި ތަށި އަންނާނޫ.