ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗުގެ ފެވަރިޓުންނަކީ ޕީއެސްޖީ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅޭ މި މެޗަށް މި ދެ ޓީމު ނިކުންނައިރު ދެ ޓީމުވެސް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އެގޮތުން މި ސީޒަނުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް މި ދެ ޓީމުން ކާމިޔާބުކޮށްފައިވެއެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ކްލޮޕް ބުނީ ޕީއެސްޖީ އަކީ ކިހާ ފެންވަރެއްގެ ކްލަބެއްކަން އެންމެންނަށް ވެސް އިނގޭނެ ކަމަށާއި އެ ކްލަބަކީ ސީދާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ބިނާކޮށްފައިވާ ޓީމެއް ކަމަށެވެ.

"ޕީއެސްޖީ އަކީ ޗެމްޕިއަންސް ލީގުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ކްލަބެއް. އެހެންވީމަ މިރޭގެ މެޗުގެ ފެވަރިޓުންނަށް އަހަރުމެން ވާނީ ކިހިނެތް؟ ޕީއެސްޖީގެ ފެންވަރު އަހަރުމެންނަށް ވެސް އިނގޭ. އެކަމަކު މިރޭގެ މެޗު މި ކުޅެނީ އަހަރުމެންގެ އަމިއްލަ ދަނޑުގައި. އެއީ އަހަރުމެންނަށް އޮތް އެޑްވާންޓޭޖެއް" ކްލޮޕް ބުންޏެވެ.

މިފަދަ ޗެލެންޖުތަކާއި ވަރަށް ބޮޑަށް ކުރިމަތިލާން ބޭނުންވާ ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ ލިވަޕޫލްގައި ރަނގަޅު ސްކޮޑެއް އޮތުން ކަމަށްވެސް ކްލޮޕް ބުންޏެވެ. އަދި ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުން މޮޅުވުމަކީ މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް ލިބޭ އެޑްވާންޓޭޖެއްކަން ވެސް ކްލޮޕް ފާހަގަކުރިއެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފަމީނޯ އަށް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ފަމީނޯ އަށް މި މެޗުގައި ނުކުޅެވިއްޖެނަމަ އެތަން ފޫބެއްދުމަށް ޑެނިއަލް ސްޓަރިޖް ތައްޔާރަށް ހުރި ކަމަށް ކްލޮޕް ވަނީ ބުނެފައެވެ.