މިހާރު އޮތް ފޯމުން ޓޮޓެންހަމް އަށް އެއްވެސް އެއްޗެއް ނުލިބޭނެ ކަމަށް އެ ކްލަބުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި އެންމެފަހުން ކުޅުނު ދެ މެޗުން ވެސް ޓޮޓެންހަމް ބަލިވެފައިވާއިރު އެޓީމު މިވަގުތު އޮތީ ނުވަ ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ. ޓޮޓެންހަމް އެންމެފަހުން ބަލިވެފައިވަނީ ވޮޓްފޯޑް އަދި ލިވަޕޫލް އަތުންނެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ އިޓަލީގެ އިންޓަމިލާނާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ޕޮޗެޓީނޯ ބުނީ ޓޮޓެންހަމް އަކީ އެއްވެސް މުބާރާތަކަށް ހަގީގަތުގައި ވާދަކުރާ ޓީމެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި އެންމެފަހުން ކުޅުނު ދެ މެޗުގައި ކުޅުނު ގޮތަށް ކުޅެގެން ތަށިތަކަށް ވާދަކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"އެކަމަކު މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު ގޮތަށް ކުޅެފިނަމަ ތަށިތަކަށް ވާދަކުރުމުގެ ފުރުސަތެއް އެބައޮތް. ތަށިތަކަށް ވާދަކުރަން ބޭނުންވާނަމަ އެއް ފެންވަރެއްގައި އެބަޖެހޭ ހިފަހައްޓަން. އަހަރުމެންޖެހޭ އެންމެ މޮޅު ކުޅުން ވެސް ދައްކަން" ޕޮޗެޓީނޯ ބުންޏެވެ.

މިއީ ސީޒަނުގެ ކުރީކޮޅު ކަމުން ކަންތައްތައް ރަނގަޅު ކުރަން އަދިވެސް ވަގުތު އެބައޮތް ކަމަށާއި ތަށިތަކަށް ވާދަކުރަން ބޭނުންވާ ނަމަ ޓޮޓެންހަމް ވަރަށް ބޮޑަށް ކަންތައްތައް ރަނގަޅުކުރަންޖެހޭ ކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ތަށިތަކަށް ވާދަކުރަން ބޭނުންވާ ނަމަ މިހާރަށް ވުރެ ރަނގަޅުވާންޖެހޭ. އަހަރުމެން ޖެހިޖެހިގެން ތިން މެޗުން މޮޅުވެފަ، ވޮޓްފޯޑް އާއި ލިވަޕޫލް އަތުން މިވީ ބަލި. މިހެންވީމަ ވަރަށް އުނދަގޫ ތަށިތަކަށް ވާދަކުރެއޭ ބުނަން" އޭނާ ބުންޏެވެ.

އިންޓައާ ދެކޮޅަށް ކުޅޭ މެޗަށް ނިކުންނައިރު "ޓެކްނިކަލް" ސަބަބުތަކަށްޓަކާ ކަމަށް ބުނެ ޕޮޗެޓީނޯ ވަނީ ޓޮޓެންހަމްގެ ސްކޮޑުން ދެ ޑިފެންޑަރު ކަމަށްވާ ޓޯބީ އަލްޑަވައިރަލްޑް އާއި ކެވިން ޓްރިޕިޔާ ބާކީ ކޮށްފައެވެ. މީގެއިތުރުން އަނިޔާގެ ސަބަބުން ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އާއި މިޑްފީލްޑަރު ޑެލެ އަލީ އަށް ވެސް މި މެޗުގައި ނުކުޅެވޭނެއެވެ.

އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9:55 ގައެވެ.