ދިވެހިންނަށް ސަރަހައްދީ ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައިވާކަމަށާއި، ދެން އަޅުގަނޑުމެން އުންމީދު ކުރަންވީ މި ސަރަޙައްދުން ބޭރަށް ގޮސް، މި ސަރަޙައްދުގެ ބޭރުން އިތުރު ކާމިޔާބީތަކެއް ހޯދުމަށްކަމަށް، ރައީސުލުޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް މަރުޙަބާ ކިޔާ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ އިފްތިތާޙު ކުރުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަނެއްކާވެސް އަހަރެމެން ދެން އުންމީދު ކުރާނީ މި ސަރަޙައްދުން ބޭރަށް އަހަރެމެން ދާން ޖެހޭކަމަށް. މި ސަރަޙައްދުން ބޭރަށް އަހަރެމެން ކުރާ ދަތުރަކީވެސް އަހަރެމެން ދެކެން ބޭނުންވޭ އަނެއްކާވެސް ކުރިބޯއްޓާ ހަމައަށް އަހަރެމެން ކުރާ ދަތުރަކަށް ވެގެން ދާނެކަމަށް. ދަތުރު ދިގުވެދާނެ، އެކަމަކު ހޫ ކެއާސް؟ އޭ380 މިތަނަށް ޖައްސަންޏާ ދަތުރެއް ދިގެއް ނުވާނެތާ." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސް ޔާމީން ވިދާޅުވީ ފީފާ ވޯލްޑް ކަޕުގެ ޓްރޮފީގައި މި އަހަރު އެންމެ ފުރަތަމަ އަތް ޖެއްސެވި ބޭފުޅަކީ ރައީސް ޔާމީނުކަމަށާއި އެހެންކަމުން، ސާފު ސުޒުކީ ކަޕުގެ ޗެމްޕިއަންކަން، ދިވެހި ޓީމަށް ނުހޯދެންވީ އެއްވެސް ސަބަބެއް ނެތްކަމުގައެވެ.

ރައީސުލްޖުމްޖޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް - ވަގުތު އިމޭޖަސް

"މި ރައީސް މިއީ މިފަހަރުގެ ވޯލްޑް ކަޕް ޓްރޮފީވެސް އެންމެ ފުރަތަމަ އުފުލާލި ރައީސް ދޯ؟ އެހެންވީމާ ދެއަރ އިޒް ނޯ ރީޒަން ވައި އަހަރަމެންގެ ދިވެހި ޓީމް ސާފް ޗެމްޕިއަންސް އަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް." ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީފިކަމަށް ވަންޏާ އެމީހުން ކުރިއަރާނެ ކަމަށާއި އަދި އެގޮތުގައި މުޅި ދުނިޔެއަށް މި ދިވެހިރާއްޖެ މަޝްހޫރު ކޮށްދޭނެ ކަމުގައެވެ. އަދި، މި މުބާރާތުން ހޯދި ކާމިޔާބު، މިކަން ކަށަވަރު ކޮށްދީފިކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ސާފް ޗެމްޕިއަންޝިޕްގައި ނުވަތަ ޗެމްޕިއަންކަމަށް ދިވެހި ޤައުމީ ޓީމުވުމަކީ ޝައްކެއްވެސް ނެތް ގޮތުގައި ޒުވާނުންނަށް ފުރުޞަތުތައް ތަނަވަސް ކޮށްދީފައި ޒުވާނުންނަށް ކުރިއެރުން ދައްކައިދީފިކަމަށް ވަންޏާ އަދި އެމީހުންނަށް ބޭނުންވާ ހިތްވަރާއި ވަސީލަތްތައް ފަހިކޮށްދީފިކަމަށް ވަންޏާ ހަމަ ސްކައި އިޒް ދަ ލިމިޓް. އެހެން ބުނާ ބުނުން އަހަރެމެން ހަގީގަތަކަށް ވަނީ. މިއަދު އަހަރެމެންގެ ޒުވާނުންގެ ޓީމު ދައްކައިދިނީ ޒުވާނުންނަށް މި ފުރުސަތުތައް ފޯރުކޮށްދީފިކަމަށް ވަންޏާ ދިވެހިރާއްޖެ ރީތި ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުކޮށްދޭ ބައެކޭ ޒުވާނުންނަކީ" ރައީސް ޔާމީން ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސްވަނީ، ރާއްޖެއަށް މި ތަށި ހޯދައިދިނުމުގައި މަސައްކަތް ކުރައްވާފައިވާ އެކި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، އިރުތިޝާމް އާދަމާއި އެފްއޭމްގެ ރައީސް، ބައްސާމް އަދީލް ޖަލީލުގެ ނަން ފާހަގަކުރައްވާފައިވެއެވެ.

ގައުމީ ޓީމުން މާލެ އައުމުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ފަހުމީ

"ފަށްފަށުން މަރުހަބާ އައްސަރިބަހާއި ސާބަސް ރައްދުކުރާއިރުވެސް ސްޕޯޓްސް މިނިސްޓާ އިރުތިޝާމާއި އެފްއޭއެމްގެ ޗެއަރ ބައްސާމަށް ވަރަށް އިހުލާސްތެރިކަމާއެކު މަރުހަބާއާއި ޝުކުރު ދަންނަވަން. ޝައްކެއްވެސް ނެތް ގޮތުގައި މިފަދަ މައްސަކަތަކީ އެތައް ބައެއްގެ މިންނަތާއި ހިތްވަރާއެކީ ކުރާ މަސައްކަތުގެ ނަތީޖާ. އެކަމަކު ފަސްޓް އެންޑް ފޯމޯސްޓް، ހަމަ ކުޅިވަރު ޓީމުގެ ހަމަ ކޮންމެ ކުއްޖެއްގެ ކުޅިވަރުގެ ހިތްވަރާއި ކުޅިވަރުގެ ފަންވަރާއި ސްކިލް އާއި އަދި މާޔޫސް ނުވުން." ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، ޤައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ޣަނީއާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ކީޕަރު ފައިސަލް އާއި ކޯޗު ޕީޓާ ސެގަޓުގެ ނަންވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.