ރާއްޖޭގެ ތާރީހުގައި ހޯދި ދެވަނަ ސާފް ޗެމްޕިއަންޝިޕެވެ. ސަރަހައްދީ ދެވަނަ ރަން މެޑައްޔެވެ. ޒުވާން ޓީމަކާއެކު ހޯދި ކާމިޔާބީއަށްފަހު ޓީމު ރާއްޖެއައީ މިއަދުއެވެ. އެ ކާމިޔާބީއަށް އެތައް ދިވެހި ރައްޔިތުންތަކެއް ތިބީ ފެންބޮވައިގެންފައެވެ. މުޅި ގައުމު އޮތީ ޓީމުގެ ހިތްވަރުގަދަ ބަތަލުންނަށް މަރުހަބާ ކިޔަން ތައްޔާރަށެވެ.

ގައުމީ ޓީމާއެކު މިއަދު ގައުމަށް އިތުރު ޝަރަފެއްވެސް ލިބިގެންދިޔައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހުޅުވުމާއެކު ޖެއްސީ ދުނިޔޭގެ އެންމެ ބޮޑެތި ފްލައިޓް ތެރޭގައި ހިމެނޭ އެއާބަސް އޭ 380 މަރުކާގެ އިއްތިހާދު އެއާވޭސްގެ ބޮޑު ފްލައިޓެކެވެ. ހުޅުލޭ އެއާޕޯޓްގައި ބޯޓުގެ ކޮކްޕިޓް ތެރެއިން ދިވެހި ދިދަ ވިހުރުވާލީ ދިވެހި ޒުވާން ޕައިލެޓެއް ކަމަށްވާ އަލީ އަހުސަނެވެ. ރާއްޖޭގައި ޖެއްސި އެންމެ ބޮޑު ފްލައިޓާއެކު އަހުސަން ތާރީހުގައި ލިޔެލެވުނީއެވެ.

އައު ރަންވޭގައި ޖެއްސި އިއްތިހާދު އެއާލައިންސްގެ އޭ380 - ވަގުތު އިމޭޖަސް: އަމީން ފަހުމީ

ސާފް ޗެމްޕިއަންޝިޕްގެ ތަށްޓާއެކު ރާއްޖެ ޖެއްސި، އެންމެ ބޮޑު ފްލައިޓް ގެނެސްދިން ދެ ޝަރަފަށްވެސް ފަހުރުވެރިކަމާއެކު އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެ ކަނބަލުންނެވެ.

ވޯޓާ ސެލިއުޓަކާއެކު ފްލައިޓަށް މަރުހަބާ ކީ އިރު، ޕެރެޝޫޓުގައި ހަތް ޕެރަޖަމްޕާސް ވަނީ އެ ފަހުލަވާނުންގެ ކުޅަދާނަކަން ދައްކާލައިފައެވެ. އޭގެ އިތުރުން ޓީއެމްއޭއާއި މޯލްޑިވިއަން ފްލީޓެއްގެ ހާއްސަ އެއާޝޯއެއްގެ ހަރަކާތްތައްވެސް ފެނިގެންދިޔައެވެ. މާލެ ވަށާ އެއާބަސް އޭ 380 ޖެހި ބުރުގެ އުފާ ހޯދުމަށް އެތައް ބަޔަކު މަގުތަކަށް ނުކުތް އިރު، އިރުއޮއްސުމާ ގާތް ވަމުންދިޔަ ވަރަކަށް ސިނަމާލެ ބްރިޖު ސަރަހައްދަށް ރަތް ކުލައިގެ ހެދުމުގައި ތިބި އެތަކެއް ސަޕޯޓަރުންނެއް ޖަމާވަމުންދިޔައެވެ.

ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް މީހުން ޖަމާވެފައި --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ހުޅުލޭ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޓީމަށް ހާއްސަ ވާހަކަކޮޅެއް ދެއްކެވި އިރު، ކޮންމެ ކުޅުންތެރިއެއްގެ މޫނުންވެސް ފެނުނީ އުފާވެރިކަމެވެ. އައްސަދު އަބްދުލްޣަނީ އަށްފަހު އޭނާގެ ކޮއްކޮ އަކުރަމް އަބްދުލްޣަނީ ތަށި އުފުލާލުމާއި އޭރުގެ ރައީސަކަށް ހުރީ މައުމޫން އަބްދުލް ގައްޔޫމް ކަމަށްވެފައި، މިހާރު ރައީސް ކަމުގައި ހުރީ ޔާމީން އަބްދުލް ގައްޔޫމް ކަމަށްވުމީ ބޮޑު އިއްތިފާގެއް ކަމަށްވެސް ރައީސް ސަމާސާ ރާގުގައި ވިދާޅުވިއެވެ.

ޓީމުގެ ބުރަ މަސައްކަތާއި، ކަށިން ނެރުނު ހިތްވަރަށް ރައީސް ސާބަސް ދެއްވި އިރު، އެންމެ މުހިއްމު ކަމަކަށް ވިދާޅުވި ވާހަކައަކީ ސާފް ސަރަހައްދުން ބޭރަށް ދާން ވެއްޖެ ކަމުގެ ވާހަކައެވެ. އަދި އެ މަސައްކަތް އޮތީ މާ ދުރު ނޫން ކަމަށާއި، ރާއްޖެއަށް މިހާރު އެއާބަސް އޭ 380 ޖައްސާނަމަ، ގައުމީ ޓީމަށް އެހިސާބަށް ނުދެވެންވި ސަބަބެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭ ޓީމަށް ރައީސް މަރުހަބާ ކިޔުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އަމީން ފަހުމީ

ރައީސް ޓީމާ ބައްދަލު ކުރެއްވުމަށްފަހު އެ ރަސްމިއްޔާތު ނިންމާލުމަށްފަހު ޓީމު އައީ ބްރިޖު ހުރަސްކޮށް މާލެއަށެވެ. ޓީމަށް ހާއްސަ ޕިކަޕެއްގައި މާލެ އައި އިރު، މާލެއާ ކަރިއަށް ޖެހިލާ ކޮންމެ ފަހަރަކު ހަޅޭކުގެ އަޑު ބާރުވަމުންދިޔައެވެ. ޓީމު މާލެ އައުމާއެކު ދެނަކާ ދެނެއް ނެތެވެ. އަނެއްކާވެސް ފެނުނީ ކުޅިވަރުން ގެނުވި އުފާވެރި އެކުވެރިކަމުގެ މަންޒަރެކެވެ.

މީގެ 10 އަހަރު ކުރިން، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ގެނައުމާއެކު އެ އައި އުފާވެރިކަން ތަކުރާރިވިފަދައެވެ. ކުދިބޮޑު އެންމެން ގައުމީ ޓީމަށް ލޯތްބާ އިހުތިރާމް ބަންޑުން ކޮށްލިއެވެ. އާއިލާތަކުގެ އުފާވެރި އިހުސާސް، އުފާވެރިކަމުގެ ކަރުނަތަކުން ފެނިގެންދިޔައެވެ.

މުޅި ޓީމުން ފާޅުކުރީ ހައްގު އުފަލެކެވެ. އެއީ ދިވެހީންނަށް ހިތްވަރެއް ގެނެސްދިން ހިތްވަރު ގަދަ ކުޅުންތެރިންނެވެ. އަނެއްކާވެސް ފުޓުބޯޅައިން ގައުމު ހެއްވާލައިފިއެވެ. އެއޮތް ބޮޑު އިންޑިއާ 2-1އިން ބަލިކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީހާ

    ފުޓުބޯޅަ ކުޅުންތެރިން ނަކީ ބަތަލުން ތަކެއް ކަމެށް އަހަރެން ނުދެނަ ހުރީން... ލޮލް

    • ނަޖްލާ

      ކަލޭ ތީ މީހެއް ކަމެއް އަހަރުން ނުދެންހުރިން

  2. އަބްދުއްލާ

    ގައުމީ ބަތަލުންނަކީ މުލީއާގެ މިސްކިތަށް ބަގުރާ ޖަމާކުރާ މީހުނެއްނޫން .ގައުމަށް ރީތިނަމާ ފަކުރު ހޯދާދޭ ކޮންމެ ފަރާތަކީވެސް ގައުމުގެ ބަތަލުން. ފުޓްބޯޅަ ވިޔަސް އެހެން ރޮނގަކުންވިޔަސް ގައުމަށް ރީތިނަން ހޯއަދަވާ ހުރިހާ ފަރާތްތަކަކީ ވެސް ގައުމުގެ ބަތަލުން.

  3. އަޅީ ސާފީ

    ކޮންމެ ކަމެއް ސިޔާސީކުރާތީ މަށްސަލައަކީ! ކޮންމެފަދަ އަގުވަޒަނެއްކުރުއްވިޔަސް 2008 ގެ ސާފްޗެމްޕިއަންސް ދިވެހި ރާއްޖެ ހޯދި ކާމިޔާބީއާއި އޮތް އަހްވަންތަގުލުމެއް 2018 ގައި ނެތް. އޮތީ ފަސާދަ އާއި ކޮރްޕްސަން އިންތިހާއަށް. ޓީމްގެ ކޯޗްވެސް ސިޔާސީވެފައި. އެހެނަސް ގައުމީޓީމަށް މަރްހަބާ