ޗެމްޕިއަންސް ލީގުގައި ރޭ ފަހު ވަގުތު ޕީއެސްޖީގެ މައްޗަށް 3-2 އިން ލިވަޕޫލް އިން ކުރި ހޯދައިފިއެވެ.

ގްރޫޕް ސީގައި ހިމެނޭ މި ދެ ޓީމު ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 30 ވަނަ މިނެޓްގައި ޑެނިއަލް ސްޓަރިޖް ވަނީ ލިވަޕޫލް އަށް ލީޑު ނަގާދީފައެވެ. ސްޓަރިޖް މި ގޯލު ކާމިޔާބުކުރީ ރޮބަޓްސަން ނަގައިދިން ހުރަހަކުން ޕީއެސްޖީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

އަދި އޭގެ ހަ މިނެޓްފަހުން ލިވަޕޫލްގެ ވައިނަލްޑަމް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖޭމްސް މިލްނާ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ގޯލްޖަހާނެ މާގިނަ ފުރުސަތުތަކެއް ޕީއެސްޖީ އަށް މި ހާފުގައި ތަނަވަސްކުރެވިފައި ނުވި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ތޯމަސް މެއުނިޔޭ ވަނީ އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލިވަޕޫލް އިން ނިންމާލިއިރު ދެވަނަ ހާފް ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔައީ ލިވަޕޫލް އިންނެވެ. ނަމަވެސް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. މި ހާފުގައި ޕީއެސްޖީން ފުދޭވަރަކަށް ޑިފެންސިވް ކުޅުމެއް ކުޅުނުއިރު މެޗުގެ 83 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ނަތީޖާ އެއްވަރުކޮށްދީ ލިވަޕޫލް އަށް ސިހުން ގެނުވާފައެވެ.

މި ގޯލާއެކު ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ މެޗު ނިމެންދަނިކޮށް، މެޗުގެ ފަހު ވަގުތުކޮޅުތެރޭ ރޮބާޓޯ ފަމީނޯ ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމު މޮޅުކޮށްދީފައެވެ. ލިވަޕޫލް މޮޅުވި ގޯލު ފަމީނޯ ކާމިޔާބުކޮށްދިންއިރު އޭނާ ކުޅެން އަރާފައިވަނީ މެޗުގެ ދެވަނަ ހާފްގައެވެ.

ގްރޫޕް ސީގައި ލިވަޕޫލް އާއި ޕީއެސްޖީގެ އިތުރުން ދެން ހިމެނެނީ ނަޕޯލީ އާއި ރެޑްސްޓާ ބެލްގްރޭޑްއެވެ. އެގޮތުން ނަޕޯލީ އާއި ބެލްގްރޭޑް ރޭ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމުވެސް އެއްވަރުވެގެންނެވެ.

މި ގްރޫޕްގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ނަޕޯލީއެވެ.