ކުޅުންތެރިއެއްގެ މޫނަށް ކުޅުޖެހި މައްސަލައިގައި ޔުވެންޓަސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ޑަގްލަސް ކޮސްޓާ ހަތަރު މެޗަށް ސަސްޕެންޑްކޮށްފިއެވެ.

އިޓަލީގެ ފުޓްބޯޅަ އިދާރާ އިން ކޮސްޓާ ހަތަރު މެޗަށް ސަސްޕެންޑްކުރީ އިޓާލިއަން ލީގުގައި އެންމެފަހުން 1-2 އިން ސަސުއޯލޯގެ މައްޗަށް ޔުވެންޓަސް އިން ކުރި ހޯދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ސަސުއޯލޯގެ ކުޅުންތެރިއެއްގެ މޫނަށް ކުޅުޖެހުމާ ގުޅިގެންނެވެ. އެއާއެކު ރެފްރީ ވަނީ ކޮސްޓާ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ހަތަރު މެޗަށް ސަސްޕެންޑް ކުރުމުން އިޓާލިއަން ލީގުގައި ފްރޮސިނޯނޭ އައި ބޮލޯންޔާ އާއި ނަޕޯލީގެ އިތުރުން އުދިނޭސީއާ ދެކޮޅަށް ޔުވެންޓަސް އިން ކުޅޭ މެޗުތަކުގައި ކޮސްޓާ އަށް ނުކުޅެވޭނެއެވެ.

ކޮސްޓާ ވަނީ އެ މެޗުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން މައާފަށް މީގެކުރިން އެދިފައެވެ.

އިޓާލިއަން ލީގުގެ ހަތަރު މެޗަށް ކޮސްޓާ ސަސްޕެންޑް ކުރިއިރު ޗެމްޕިއަންސް ލީގުގައި މިރޭ ވެލެންސިޔާއާ ދެކޮޅަށް ޔުވެންޓަސް އިން ކުޅޭ މެޗުގައި ކޮސްޓާ ކުޅޭނެ ކަމަށް ބެލެވެއެވެ.

އިޓާލިއަން ލީގުގައި މިހާތަނަށް ހަތަރު މެޗު ޔުވެންޓަސް އިން ކުޅެފައިވާއިރު އެޓީމު އޮތީ 12 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ.