ސާފް ސުޒުކީ ކަޕް ޗެމްޕިއަންކަން ހޯދި ދިވެހި ޓީމުން ތަށްޓާއެކު މާލެ އައީ އިއްޔެ އިރުއޮއްސުނު ވަގުތުގައެވެ. ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް އެތަކެއް ހާސް ރައްޔިތުންނެއް އިއްޔެ އެ ސަރަހައްދަށް ޖަމާވެފައިވާ އިރު، އުފާފާޅުކުރުމުގެ ހަރަކާތްތައް މިއަދުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މާފަންނު ޓާފް ދަނޑުގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތަކީ ސަޕޯޓަރުންނަށް ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް، ތަށްޓާއެކު ފޮޓޯ ނެގުމަށް ބޭއްވި އިވެންޓެކެވެ. އިވެންޓުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ އާއިލާތައް ބައިވެރިވެފައިވާ އިރު، އެތައް ބަޔަކު ވަނީ ސާފް ސުޒުކީ ކަޕްގެ ތަށްޓާއެކު ފޮޓޯ ނަގާފައެވެ. އަދި ކުޅުންތެރިންނާއެކުވެސް އެތަކެއް ސަޕޯޓަރުންނެއް ވަނީ ފޮޓޯ ނަގައިފައެވެ.

މިއަދުގެ އިވެންޓްގެ ތެރެއިން، ޓްރޮފީއާއި އެކު ބަޔަކު ފޮޓޯ ނަގަނީ --- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރަތް ޖާޒީގައި ގިނަ ބަޔަކު މިއަދުގެ އިވެންޓްގައި ބައިވެރިވެފައިވާ އިރު، ގިނަ އަދަދެއްގެ ކުޑަކުދިންވެސް ވަނީ އިވެންޓްގައި ބައިވެރިވެފައެވެ. ގައުމީ ޓީމުގެ ކުޅުންތެރިންގެ އޮޓޯގްރާފް ހޯދުމަށްވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ޖާޒީ ހިފައިގެން މިއަދުގެ އިވެންޓުގައި ބައިވެރިވި އިރު، ސަޕޯޓަރުންނާއި ކުޅުންތެރިންގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމެވެ.

ތަށްޓާއެކު ގައުމަށް އައުމުން ދިވެހި ރައްޔިތުން ދިން ލޯތްބާ ގުޅިގެން "ވަގުތު"އަށް ވާހަކަ ދައްކަމުން ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ބުނީ ކެޕްޓަނެއްގެ ހައިސިއްޔަތުން ޓީމަށް ރައްޔިތުން ދިން ލޯތްބަށް ވަރަށް ބޮޑަށް އުފާވި ކަމަށެވެ.

"މިއީ އަޅުގަނޑުގެ ދެވަނަ ތަޖުރިބާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ތަށްޓާއެކު ރާއްޖެ އައުމުގެ. ކުރިން ފަހަރު މެޗެއް ނުކުޅެ ބެންޗުގައި އިނދެގެން ތަށި ގެނައީ. މިފަހަރު މުޅި ޓީމު ގޮވައިގެން ކެޕްޓަނެއްގެ ހައިސިއްޔަތުން އެކަން ކޮށްގެން އައިމަ ރައްޔިތުން ދިން ލޯތްބައް އިއްޔެ ވަރަށް އުފާވި. ފުޓުބޯޅައަށް ކޮށްދޭ ހިދުމަތް ބަލައިގަންނަ ވަރު މި ފެނިގެން ދިޔައީ. ކުރިއަށް އޮތްތަނުގައި މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ލިބެނީ ދިވެހި ރައްޔިތުންގެ ސަބަބުން. އަނެއްކާވެސް ދިވެހީންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" އަކޫ ބުންޏެވެ.

މިއަދުގެ އިވެންޓުގައި އެންމެ ގިނަ ބަޔަކު ފޮޓޯ ނަގަން ބޭނުންވި އެއް ކުޅުންތެރިއަކީވެސް ރާއްޖޭގެ ދެވަނަ ރަން ކެޕްޓަން އަކޫއެވެ. އޭނާގެ ބޭބެ، އަދި ފުރަތަމަ ރަން ކެޕްޓަން އައްސަދު އަބްދުލްޣަނީވެސް މިއަދުގެ އިވެންޓްގައި ބައިވެރިވެފައިވާ އިރު، އައްސަދު ބުނެފައި ވަނީ އަކޫގެ މަސައްކަތަށް އަބަދުވެސް އޭނާ ފަހުރުވެރިވާ ކަމަށެވެ. އަދި އަކޫއަށް ލިބުނު ކާމިޔާބީއަކީ މުޅި އާއިލާއަށް ލިބުނު ފަހުރެއް ކަމަށެވެ.

ސާފް ސުޒުކީ ކަޕްގެ ތައްޓާއިއެކު ފޮޓޯ ނެގުމަށް ކިއޫ ހަދާފައި --- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދުގެ އިވެންޓުގައި ކުޅުންތެރިން އާއިލާތަކުންވެސް ބައިވެރިވެފައިވާ އިރު، އާއިލާއާއެކު ހުރި މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) "ވަގުތު"އަށް ބުނެފައި ވަނީ ތަށި ލިބުމަކީ ހުވަފެނެއް ހާސިލްވުން ކަމަށާއި، ޓީމަށް ދިން ސަޕޯޓަކީ އުންމީދުވެސް ނުކުރާވަރުގެ ސަޕޯޓެއް ލިބުނު ކަމަށެވެ.

" ހީވެސް ނުކުރަން އެހާ ބައިވަރު ސަޕޯޓަރުން ދާނެ ކަމަކަށް. ފުޓުބޯޅަ ކެރިއަރުގައި އެންމެ އުފާވި ދުވަސް އިއްޔެ އެއީ. ތަށި ލިބުނު ވަގުތަށްވުރެވެސް އަސްލު އުފާވި،" އިރޭ ބުންޏެވެ.

ތައްޓާއެކު ފޮޓޯ ނެގުން ކުރިއަށް ދިޔަ ވަގުތު ކުޑަކުއްޖަކު ބޯޅަ ކުޅެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއީ ރާއްޖެއިން ސަރަހައްދީ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް ގައުމީ ޓީމުން ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއެކުވެސް މުޅި ރާއްޖޭގައި އުފާފާޅުކޮށްފައެވެ. މިފަހަރުވެސް ކުޅުންތެރިން ނިސްބަތްވާ ރަށްތަކަށް ތަށި ގެންގޮސް އުފާފާޅުކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޫނެއްފަޔަށް ފެންފުރުން

    ޢުފާވަނީ ހައްޖު ދަތުރެއް ލިބުނުނަމަތަާ ކައްވަޅުގެ ޢަޒާބަައި މެދުވިސްނަވަާ ދެންވިސްނާ މިއަދު އެއްވެސް ނަމާދެއް ކުރިންތޯ