ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި ދާދިފަހުން ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖެއަށް ކާމިޔާބު ސާފް ޗެމްޕިއަންޝިޕެކެވެ. ދިވެހީންނަށް ދެވަނަ ފަހަރަށް ސަރަހައްދީ އެންމެ ބޮޑު މުބާރާތުގެ ރަން ތަށި އުފުލާލެވުނު މުބާރާތެވެ.

މުބާރާތް ކަވަރު ކުރުމަށް ބަންގްލަދޭޝްއަށް ދިއުމުގެ ނަސީބު އަޅުގަނޑަށްވެސް ލިބުނެވެ. ދިވެހީންނަށް ލިބުނު ހިތްދަތި ކަމަކަސް، އުފާވެރިކަމަކަސް އެންމެ ގާތުން ފެނުމުގެ ފުރުސަތު ލިބުނެވެ. އަސަރުގަދަ ގިނަ މަންޒަރުތަކެއް ފެނިގެންދިޔައެވެ. އުފާވެރިކަމުގެ ކަރުނަވެސް ދިވެހި ކުޅުންތެރިންނާ ޓީމުގެ ކާމިޔާބީގައި ހިއްސާވާ ފަރާތްތަކުން ފެނިގެންދިއެވެ. މުޅި މުބާރާތަކީ އެތަކެއް ތަފާތު ރަހަތަކެއް ތަޖުރިބާ ކޮށްލެވުނު މުބާރާތެކެވެ.

މުބާރާތް އޮތީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ. ދިވެހީން ތެރޭގައި ދިރިއުޅޭ ބަންގްލަދޭޝް އެތައް ބިދޭސީންނެއްގެ ގައުމުގައި ކުރެވުނު ތަޖުރިބާގައި އެގައުމުގެ ރައްޔިތުންގެ ވައްޓަފާޅިއާއި ދިރިއުޅުމުގެ މަދު މިންވަރެއް ވަނީ ފެނިފައެވެ. ހާއްސަކޮށް ފުޓުބޯޅަ ބެލުމާއި، ފުޓުބޯޅައަށް ދޭ އަހައްމިއްޔަތު ވަރަށް ރަނގަޅަށް ފެނުނެވެ. ބަންގްލަދޭޝްގެ ކޮންމެ ރައްޔިތަކީވެސް ދިވެހީންނަށް އިހުތިރާމް ކުރާ ބައެއްކަން ޔަގީންކަމާއެކު ބުނެވިދާނެއެވެ. ދިވެހީންނަކީ އެގައުމުގެ އެތައް ރައްޔިތުންނަކަށް ގައުމު ހުޅުވާލި ބަޔަކަށް ވުމުގެ އިތުރުން މުސްލިމް އަހުވަންތަކަމުގެ ސަބަބުން ކުރެވޭ ގަދަރެވެ. ދެވޭ އިހުތިރާމެވެ.

ބަންގުބަންދު ސްޓޭޑިއަމްގައި ނަމާދު ކުރަމުންދަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ސާފް ޗެމްޕިއަންޝިޕްގެ ޝެޑިއުލް އޮތް ގޮތުން ބައެއް ދުވަސްދުވަހު އެއް މެޗު އަނެއްބައި ދުވަސްދުވަހު ދެ މެޗު ކުޅެވެއެވެ. މެޗުތައް އޮންނަ ގަޑިތަކަކީ ބަންގްލަދޭޝް ގަޑިން ހަވީރު 4:00އާއި ރޭގަނޑު 7:00 ގައެވެ. އެއް މެޗު އޮންނަ ދުވަސްދުވަހު މެޗު އޮންނަނީ 7:00ގައި އެކަންޏެވެ. ރޭގަނޑު 7:00ގައި އޮންނަ މެޗުގެ ތެރެއިން މަގުރިބު ނަމާދު ވަގުތު އަންނަނީ ދަނޑުގައި ގިނަ ބަޔަކު މެޗު ބެލުމުގައި ހޭދަކުރަމުން ދަނިކޮށެވެ.

ބަންގުބަންދު ސްޓޭޑިއަމްގައި ނަމާދު ކުރަމުންދަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މެޗު ކުޅެމުންދާ ވަގުތު އަންނަ މަގްރިބް ނަމާދު ވަގުތުގެ ބަންގިއާއެކު ބަންގްބަންދު ސްޓޭޑިއަމްއަށް ވަދެ ތިބޭ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ފަރާތުން އުފާވެރި މަންޒަރެއް ފެނިގެންދެއެވެ. މަގްރިބް ނަމާދަށް ބަންގި ގޮވުމާއެކު ސްޓޭޑިއަމްގެ ފަހަތުގައިވާ ހުސް ސަރަހައްދެއްގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖަމާއަތެއްގައި ނަމާދުކޮށްލައެވެ. މީޑިއާގެ ނޫސްވެރިން ތިބޭ މީޑިއާ ރޫމްއިންވެސް ހަމަ އެ މަންޒަރު ފެނުނެވެ. ބަންގި ގޮވުމާއެކު ގަމަތް ދީ، ޖަމާއަތެއްގައި ގިނަ އަދަދެއްގެ ނޫސްވެރިން ނަމާދުކުރެއެވެ.

ބަންގުބަންދު ސްޓޭޑިއަމްގައި ނަމާދު ކުރަމުންދަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ސާފް ޗެމްޕިއަންޝިޕްގައި ކުރެވުނު ތަޖުރިބާތަކުގެ ތެރެއިން މި ކިޔާދެވުނީ އުފާވެރި ތަޖުރިބާއެކެވެ. ދިވެހީންގެ ތެރެއިން އަދި ނުފެނުނު ނަމަވެސް، ފެންނަން ބޭނުންވާ ކަހަލަ ތަޖުރިބާއެކެވެ. މިއީ ސާފް ޗެމްޕިއަންޝިޕުން ފެނުނު ތަފާތު މަންޒަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަބްދުﷲ

    ޝުކުރިއްޔާ ލިޔުންތެރިޔާއަށް. ރާއްޖެއަކީ މުސްލިމް ޤައުމަކަށް ވާއިރު، އެފް.އޭ.އެމް އިންވެސް ރަނގަޅު ނަމާދު ގަޑިތަކާ ދިމާކޮށް މެޗުތައް ނުރޭވިއްޔާ. މީގައި ސަރުކާރުގެ ޒިންމާވެސް އެބަ އޮތް. ސަރުކާރުގެ މިނިސްޓްރީ ތަކާއި ކުންފުނިތަކަށްވެސް މިމޭރުމުން އލްތިމާސް ކޮށްފިނަމަ ތަފާތު ފެނިގެންދާނެކަން ގައިމު. ނުވަތަ ކަންކަން ރާވާއިރު، ނަމާދު ކުރެވޭނެ އިންތިޒާމު ކުރުން ރަނގަޅު. ….. ދެން އެއްވެސް ސަރުކާރަކުން ވެސް މިކަހަލަ ޕޮލިސީތަކެއް ނުހަދާ. ނުހަދަނީ ވަކި ކަންނެތްވީމަކަމެއް ނުވަތަ އެހެންކަމެއްވެ ކަމެއް ނޭނގެ. އެކަމަކު ދެން އާންމު ރައްޔިތުންގެ ތެރެއިންވެސް ބަޔަކު މިކަހަލަ ކަމެއް ނުފައްޓަންޏާ މިކަމެއް ނުވާނެ. އެންމެ މޮޅީ ނަމާދު މިސްކިތުގައި ޖަމާޢަތުގައި ކުރުން. އެކަމަކު އެކަން ނުވަންޏާވެސް އެބަ ޖެހޭ ކޮންމެހެންވެސް ނަމާދުކުރަން.

  2. ޒަރީރާ

    އެއަށްވުރެވެސް ތަފާތުމަންޒަރެއް ފެނުނު ނޭޕާލްއާއި ރާއްޖެ ކުޅުން މެޗުގައި ބަންގި ގޮވީމަވެސް ކުޅުން ނުހުއްޓާ، % 100 މުސްލިމުގއުމެއްގެ އެއްވެސްކުޅުންތެރިޔެއްގެ ކިބަޔަކުން ނުފެނުނު މަޑުޖައްސާލާ ބަންގެ އަށް އިޖާބަދިންތަނެއް! މެޗުމެދުކަނޑައެއް ނުލާ ތަފާތެއްނޫންތޯ؟

  3. އަޙްމަދު

    މުސްލިމުންނަށް ނަމާދު އެޅުމެއް ނުވޭ. ތިގޮތަށް ނަމާދަށް ސަމާލުކަން ދޭ މިންވަރު ދުވަހުން ދުވަހަށްް ދަނީ އިތުރުވަމުން. މަގުމަތީގަޔާ، ކުޅިވަރު ކުޅޭ ތަންތަނުގަޔާ، އެނޫންވެސް އެކިކަހަލަ ދިމަދިމައިން ފެނޭ. ޢަޅުގަނޑަށް މީގެން އުފެދޭ ސުވާލަކީ ހަމަ ވުޟޫ ކޮށްގެން ބާއޭ އެގޮތަށް ހުރި ތަނެއްގަ އެ ނަމާދު ކުރަނީ؟ ނަމާދު ކުރެވޭނީ ވުޟޫ މަތީގައި ހުރެގެން ކަމުގައިވާތީ!!!!

  4. ބާނިޔޫސޭ

    އަޅުގަނޑު 1992 ވަނައަހަރު އޭޝިއަން ކްލަބް ޗެމްޕިއަން ޝިޕް ގައި ރާއްޖޭގެ ކްލަބް ލެގޫންސް އާއިއެކު ބަނގްލަދޭޝް އަށް ގޮސް އުޅުނުއިރު ހަމަލޮލުން ތިޔަ މަންޒަރު ދުށިން.

  5. ބޭބީ

    ނަމާދަށް އެކަނި ވަގުތު ނުވާނީ. ޑިއޯޖަހާ ރީތިވެލާނެ ވަގުތު ލިބޭނެކޮންމެ އިރަކުވެސް. އެކަމަކު އެންމެފަސޭހައިން ކުރެވޭނެ ކަމަކީނަމާދު. އެޢީ ކުޑަ ފެންފުޅިއަކުންވެސް ވުޟޫ ކުރެވޭނެ. ދެން ސާފުތަނެއްގައި ނަމާދުކުރަންވީ. ޢިލްމުވެރިވެބަލަ