ސާޖިއޯ އަގުއެރޯގެ ހަތަރު ގޯލާ އެކު ލެސްޓަ ސިޓީގެ މައްޗަށް 1-5 އިން ކުރި ހޯދާ ޕްރިމިއަރ ލީގުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީން 16 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 72 ޕޮއިންޓާ އެކުއެވެ. ސިޓީ އަށް ވުރެ އެއް މެޗު މަދުން ކުޅެ ލީގުގެ ދެވަނައިގައި 56 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. ލީގުގެ ތިންވަނައިގައި 52 ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމްއެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ނަމަވެސް ސިޓީގެ ޑިފެންޑަރު އޮޓެމެންޑީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 24 ވަނަ މިނެޓްގައި ޖޭމީ ވާޑީ ވަނީ ލެސްޓާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 48 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ ސިޓީ އަށް އަލުން ލީޑު ނަގާދީފައެވެ. އަދި އޭގެ ފަސް މިނެޓްފަހުން ސިޓީގެ ތިންވަނަ ގޯލު އަގުއެރޯ ކާމިޔާބުކޮށްދިން އިރު މެޗުގެ 77 ވަނަ މިނެޓްގައި އަގުއެރޯ ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ސިޓީގެ ފަހު ގޯލު މެޗުގެ ފަހު ވަގުތު ކޮޅު ތެރޭ ކާމިޔާބުކޮށްދިނީ ވެސް އަގުއެރޯއެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ހަތަރު ގޯލާ އެކު މި ސީޒަނުގެ ޕްރިމިއަރ ލީގުގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ. އަދި ރޭގެ މެޗުގައި އަގުއެރޯ ހެދި ހެޓްރިކަކީ ޕްރިމިއަރ ލީގުގައި އޭނާ ހެދި އަށްވަނަ ހެޓްރިކުކަން ވެސް ފާހަގަކޮށްލެވެއެވެ.

ލީގުގައި ސިޓީން ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. އެ މެޗުގައި ސިޓީން ބައްދަލުކުރާނީ އާސެނަލްއާއެވެ.