ބަންގްލަދޭޝްގެ ބަސަންދުރަ ކިންގްސްއާ ދެކޮޅަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު މެޗުން އެޓީމު ބަލިވެއްޖެއެވެ.

ބަންގްލަދޭޝްގެ ޝެއިޚް ކަމާލް ސްޓޭޑިއަމުގައި އެތައް ސަޕޯޓަރުންނަކާއެކު ކުޅުނު މެޗުން ނިއު ބަލިވީ 4-1ގެ ނަތީޖާއަކުންނެވެ.

ބަސަންދުރަ ކިންގްސްއަކީ މިދިޔަ ދެ ސީޒަނުގައިވެސް ނިއުއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ކޯޗު، ސްޕެއިންގެ އޮސްކާ ބުރުޒޮން މިހާރު އިރުޝާދު ދެމުންދާ ކްލަބެވެ. މިއަދުގެ މެޗަކީވެސް އޮސްކާގެ ދައުވަތަކަށް ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. ނިއުއިން މިއަދުގެ މެޗަށް ނުކުމެފައި ވަނީ މާލޭ ލީގުގައި ވެލެންސިއާއަށް ކޯޗު ކޮށްދިން، އެ ކްލަބުގެ ކުރީގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުންނެވެ.

ސޮބާ ކްލަބާ ރަސްމީކޮށް ހަވާލުވިކަން ނުވަތަ ނޫންކަން އަދި ކްލަބުން އިއުލާންކޮށްފައެއް ނުވެއެވެ.

މެޗު ބެލުމަށް ވަދެތިބި ބައެއް ސަޕޯޓަރުން ----

މިއަދުގެ މެޗަށް ނިއުއިން ނުކުތީވެސް ބައެއް މުހިއްމު ކުޅުންތެރިން ނުލާކަން ފާހަގަކޮށްލެވުނެވެ. އޭގެތެރޭގައި އަނިޔާގައި ހުރި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދާއި ޒުވާން މިޑްފީލްޑަރު ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި މުހައްމަދު ރަޝީދު (ހޮކޭ) އަދި ރިލްވާން ވަހީދު (ރިލޭ) ހިމެނެ އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ބަސަންދުރަ ކިންގްސްއިން ލީޑު ނެގިއެވެ. އެޓީމަށް ގޯލް ޖަހައިދިނީ ހައިޓީ ގައުމީ ޓީމުގެ ފޯވާޑް ބެލްފޯޓެވެ. އޭގެ އިރުކޮޅެއް ފަހުން ބަސަންދުރާގެ ކެޕްޓަން އަލާމް ސާބުޒް ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފްގައި ނިއުއަށް ޕެނެލްޓީއެއްވެސް ލިބިފައިވެއެވެ. އެހެން ނަމަވެސް ސެންޓޭ ފޮނުވާލި ޕެނެލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-0ގެ ލީޑަކާއެކު ބަސަންދުރަ ކިންގްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބަސަންދުރަ ކިންގްސްއިން މެޗުގެ ނަތީޖާ 3-0އަކަށް ބަދަލުކޮށްލިއެވެ. ގެމްބިއާގެ ފޯވާޑް އޮސްމާން ޖެލޯ ޖެެހި ގޯލަށްފަހު އެޓީމުން އަނެއްކާވެސް އިތުރު ގޯލެއް ޖަހައި ނަތީޖާގަ ފަރަގު ބޮޑުކުރިއެވެ.އެ ގޯލް ޖެހީ ބަންގާޅު ގައުމީ ޓީމަށް ކުޅޭ މަހުބޫބުއްރަހުމާނެވެ.

ނިއުގެ ހަމައެކަނި ގޯލް މެޗުގެ 62 ވަނަ މިނިޓްގައި ޖަހައިދިނީ ރްވާންޑާގެ ފޯވަޑް އަތޫރޭ ކިޕްސަންއެވެ.

ބަސަންދުރަ ކިންގްސްއަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފިނި ކަމަށްވާ ބަސަންދުރަ ގްރޫޕްގެ ކްލަބެކެވެ. އެ ޓީމުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބޮޑެތި ހަރަދުތަކެއް ކުރަމުންދެއެވެ. އެގޮތުން ނިއުއަށް ކޯޗުކަން ކޮށްދިން އޮސްކާ ގެންދިއުމުގެ އިތުރުން މިއަހަރުގެ ވޯލްޑް ކަޕުގައި ކޮސްޓަރީކާ ގައުމީ ޓީމަށް ކުޅުނު ޑެނިއަލް ކޮލިންދްރެސް އެޓީމަށް ވަނީ ގެންގޮސްފައެވެ.

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭ ލީގު މެދު ކަނޑާލިތާ ދުވަސްތަކެއް ވެފައިވާ އިރު، ލީގުގެ މެޗުތައް އަންނަ ހަފްތާ ތެރޭގައި ފަށާނެއެވެ.