މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.

އާޖެންޓީނާ އަށް އުފަން އަގުއެރޯ ސިޓީގެ ކޮންޓްރެކްޓް އާކުރީ 2021 ވަނަ އަހަރާއި ހަމައަށް އެ ކްލަބުގައި ހުރުމަށެވެ.

ކޮންޓްރެކްޓް އާކުރުމަށްފަހު އަގުއެރޯ ބުނީ ސިޓީއަށް އައި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ކްލަބުން އޭނާއާ މެދު ކަންތައްތައް ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި ކޮންޓްރެކްޓް އާކުރެވުމުން އެކަމާ ވަރަށް އުފާވާ ކަމަށެވެ.

"އަހަރެންގެ ވިސްނުން މިހުރީ 10 އަހަރުވަންދެން ސިޓީގައި ހުރުމަށް. އެހެންވެ ކޮންޓްރެކްޓް އާ މިކުރީ" އުމުރުން 30 އަހަރުގެ ފޯވާޑް ބުންޏެވެ.

2011 ވަނަ އަހަރު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން 38 މިލިއަން ޕައުންޑުގެ އަގަކަށް ސިޓީއާ ގުޅުނު އަގުއެރޯ އަކީ ފާއިތުވި ސީޒަންތަކުގައި ސިޓީން ހޯދި ކާމިޔާބީތަކުގައި ވަރަށް އިސް ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އަގުއެރޯ ވަނީ ސިޓީ އާއެކު މިހާތަނަށް ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން އަގުއެރޯ އަކީ ސިޓީގެ ތާރީހުގައި ވެސް އެ ކްލަބަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. އެގޮތުން އަގުއެރޯ ވަނީ ސިޓީ އަށް މިހާތަނަށް 204 ގޯލު ކާމިޔާބުކޮށްދީފައެވެ.

އަގުއެރޯ ކޮންޓްރެކްޓް އާކޮށްފައިވާއިރު ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑެ ބްރައިނާ ވެސް މީގެކުރިން ވަނީ ކޮންޓްރެކްޓް އާކޮށްފައެވެ.