ކުޅުމުގެ ފުރުސަތު ނުލިބޭތީ އަންނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކްލަބުގެ ޑިފެންޑަރު ގެރީ ކޭހިލް ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ވެސް ޗެލްސީގެ ފުރަތަމަ އެގާރައިން ކޭހިލް އަށް ޖާގަ ލިބުން މަދުވެފައިވާއިރު މި ސީޒަނުގައި ޗެލްސީން މިހާތަނަށް ކުޅުނު ހަ މެޗުގައި ވެސް ކޭހިލް ކުޅެފައެއް ނުވެއެވެ. އެ ހަ މެޗުން ވެސް ޗެލްސީ ވަނީ މޮޅުވެފައެވެ.

ކުޅުމުގެ ފުރުސަތު ލިބުން މަދުވެފައިވާއިރު މިދިޔަ ސީޒަނުގައި ޗެލްސީގެ ކެޕްޓަންކަން ވެސް ކުރި ކޭހިލް ބުނީ ކެރިއަރު ކުރިއަށް ގެންދިޔުމަށް ބައެއް ފަހަރު އުނދަގޫ ނިންމުންތަކެއް ވެސް ނިންމަންޖެހޭ ކަމަށާއި ކަންތައްތައް މިހާރު ވަމުންދާ ގޮތަށް ބަލާއިރު ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަހަންނަކީ ފުޓްބޯޅަ ކުޅުމަށް އަބަދުވެސް ވަރަށް ބޮޑަށް ބޭނުންވެފައި ހުންނަ މީހެއް. ނުކުޅެ ހުންނަން ޖެހުމަކީ އަހަރެން ބަލައިގަންނާނެ ކަމެއް ނޫން" އިންގްލޭންޑަށް އުފަން ޑިފެންޑަރު ބުންޏެވެ.

ފާއިތުވި ހަ އަހަރުތެރޭ ޗެލްސީގައި މުހިއްމު ދައުރެއް އަދާކުރެވިފައިވާ ކަމަށާއި ނަމަވެސް މި ސީޒަނުގައި ނުކުޅެ ހުންނަން ޖެހުމަކީ ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށްވެސް ކޭހިލް ބުންޏެވެ. އަދި މި ހާލަތު ބަދަލުނުވާނަމަ އޭނާ ނިންމާ ނިންމުމަށް ޗެލްސީން އިހުތިރާމް ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ކޭހިލް ބުންޏެވެ.

"މިކަމާ ގުޅޭގޮތުން ކުރިއަށް އޮތް ޑިސެމްބަރާއި ހަމައަށް ކްލަބާއެކު ވެސް ވާހަކަ ދައްކާނަން. މުޅި ސީޒަނުގައި ނުކުޅެ ހުރުމަކީ އަހަންނަށް ކުރަން ވަރަށް އުނދަގޫވާނެ ކަމެއް" އުމުރުން 33 އަހަރުގެ ކޭހިލް ބުންޏެވެ.

އެސްޓަންވިލާ އާއި ބޮލްޓަން އަށް މީގެކުރިން ކުޅެފައިވާ ކޭހިލް ޗެލްސީ އަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ. ޗެލްސީ އާއެކު ހަ ތަށްޓެއް ކޭހިލް ކާމިޔާބުކޮށްފައިވާއިރު އޭގެތެރޭގައި ދެ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގެއް ވެސް ހިމެނެއެވެ.