ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީން ފަސޭހަ މޮޅެއް ހޯދިއިރު، ވުލްވްސް އިން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ރޭގެ ނަތީޖާތަކާއެކު ސިޓީ މިހާރު އޮތީ 16 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. ޔުނައިޓެޑް އޮތީ 10 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ. ލީގުގެ އެއްވަނައިގައި 18 ޕޮއިންޓާ އެކު އޮތީ ލިވަޕޫލްއެވެ.

ސިޓީ ރޭ މޮޅުވީ ލީގުގެ 19 ވަނައިގައި އޮތް ކާޑިފްއާ ބައްދަލުކޮށް ވަރަށް ފަސޭހަކަމާއެކު 5-0 އިންނެވެ.

ކާޑިފްގެ ދަނޑުގައި ކުޅުނު މި މެޗުގެ 32 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. ރޭގެ މެޗަކީ އަގުއެރޯ ސިޓީ އަށް ކުޅެދިން 300 ވަނަ މެޗެވެ. އަދި އޭގެ ތިން މިނެޓްފަހުން ސިޓީގެ ދެވަނަ ގޯލު ބަނާޑޯ ސިލްވާ ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ގުންޑޮގާން ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު އެޓީމުގެ ހަތަރުވަނަ ގޯލާއި ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރިޔާދު މަހްރޭޒްއެވެ. މަހްރޭޒް ކުޅެން އަރާފައިވަނީ ދެވަނަ ހާފްގެ ކުރީކޮޅުއެވެ.

ސިޓީއާ ވާދަވެރި ޔުނައިޓެޑް ރޭ އެއްވަރުވީ އަމިއްލަ ދަނޑުގައި ވުލްވްސްއާ ބައްދަލުކޮށް 1-1 އިންނެވެ. ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޔުނައިޓެޑުން ކަމަށްވާއިރު މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރެޑްއެވެ. މިއީ ޔުނައިޓެޑަށް ބަދަލުވިފަހުން ބްރެޒިލް އަށް އުފަން ފްރެޑް އެ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލުވެސް މެއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ވުލްވްސް އަށް ރަނގަޅު ދެ ފުރުސަތެއް ލިބިފައިވެއެވެ. އެގޮތުން ވިލީ ބޯލީ ބޮލުން ފޮނުވާލި ހަމަލާ އަދި ހިމިނޭޒް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާއެވެ. މި ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 53 ވަނަ މިނެޓްގައި މޫޓީނިއޯ ވަނީ ވުލްވްސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ޔުނައިޓެޑް މޮޅުވިޔަނުދީ ވުލްވްސް އިން ހިފެހެއްޓިއިރު އެޓީމުން ވަނީ ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅެ ވެސް ޕޮއިންޓެއް ހޯދާފައެވެ. އެ މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ވުލްވްސް މިހާރު އޮތީ 9 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ.