ސައުތްހެމްޓަންގެ މައްޗަށް 3-0 އިން ކުރި ހޯދާ ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ހޯދި ހަތްވަނަ މޮޅަކާއެކު ލީގުގެ އެއްވަނަ އަށް ލިވަޕޫލް އަރައިފިއެވެ.

މި މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 18 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 16 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތްއިރު ލިވަޕޫލް އަތުން ބަލިވި ސައުތްހެމްޓަން އޮތީ ފަސް ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގައެވެ.

ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު މެޗުގެ 10 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ގޯލަކީ ސައުތްހެމްޓަންގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ 21 ވަނަ މިނެޓްގައި ސައުތްހެމްޓަންގެ ދެވަނަ ގޯލު މަޓިޕް ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ވެސް ލިވަޕޫލް އިން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ރޭގެ މެޗުން ލިވަޕޫލް މޮޅުވިއިރު މިއީ އެ ކްލަބުގެ ތާރީހުގައި ވެސް ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ހަތް މެޗުން ލިވަޕޫލް މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ލިވަޕޫލް އަށް ކުރިއަށް ދެން އޮތީ އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. އަންނަ ބުދަ ދުވަހުގެރޭ ކުޅޭ އެ މެޗު އޮންނާނީ ލިވަޕޫލްގެ ދަނޑުގައެވެ.