މާކޯ އެސެންސިއޯގެ ގޯލުން 1-0 އިން އެސްޕަނިޔޯލްގެ މައްޗަށް ކުރި ހޯދާ ސްޕެނިޝް ލީގުގެ އެއްވަނަ އަށް ރެއާލް މެޑްރިޑް އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 13 ޕޮއިންޓާ އެކުއެވެ. ނަމަވެސް ލީގުގައި މިރޭ ކުޅޭ މެޗުން ބާސެލޯނާ މޮޅުވެއްޖެނަމަ ލީގުގެ އެއްވަނަ އަލުން އެޓީމަށް ލިބޭނެއެވެ. ރެއާލްއަށް ވުރެ އެއް މެޗު މަދުން ކުޅެ ބާސާ މިވަގުތު އޮތީ 12 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. ރެއާލް އަތުން ރޭ ބަލިވި އެސްޕަނިޔޯލް އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ކުރީކޮޅު ލީޑު ނަގަން ރަނގަޅު ދެ ފުރުސަތެއް އެސްޕަނިޔޯލް އަށް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ޕަބްލޯ ޕިޔާޓީ ފޮނުވާލި ހަމަލާ ރެއާލްގެ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ޕެރޭޒް ފޮނުވާލި ހަމަލާ ދިފާއުކުރީ ރެއާލްގެ ކީޕަރު ކޯޓުއާއެވެ.

މި ފުރުސަތުތަކުގެ ބޭނުން އެސްޕަނިޔޯލް އަށް ނުހިފުނުއިރު ފުރަތަމަ ހާފްގެ ފަހުވަގުތުކޮޅުތެރޭ ރެއާލް އިން ވަނީ ލީޑު ނަގާފައެވެ. މި ގޯލު ރެއާލް އަށް ކާމިޔާބުކޮށްދިނީ މާކޯ އެސެންސިއޯއެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ރެއާލް އިން ވަނީ ލީޑު ފުޅާކޮށްލަން އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އިސްކޯ ދުރުން ފޮނުވާލި ހަމަލާއެއް އެސްޕަނިޔޯލްގެ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ރާމޯސް ބޮލުން ފޮނުވާލި ހަމަލާ އެސްޕަނިޔޯލްގެ ކީޕަރު ޑިއޭގޯ ލޮޕޭޒް ވަނީ ދިފާއުކޮށްފައެވެ.

މި ހާފުގައި ނަތީޖާ އެއްވަރުކޮށްލަން އެސްޕަނިޔޯލްގެ ބޯޖާ އިގްލެސިއާސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ރެއާލްގެ ގޯލުގެ ދަނޑި އަށެވެ.

ރެއާލްގެ އިތުރުން ލީގުގައި ރޭ ކުޅުނު މެޗުން އެތްލެޓިކޯ މެޑްރިޑް ވެސް ވަނީ މޮޅުވެފައެވެ. އެތްލެޓިކޯ މޮޅުވީ ގެޓާފޭއާ ބައްދަލުކޮށް 2-0 އިންނެވެ. މި މޮޅާއެކު އެތްލެޓިކޯ މިހާރު އޮތީ އަށް ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ.