ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު ރެއާލް ސޮސިއެޑާޑްގެ މައްޗަށް 2-5 އިން ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ.

މި މޮޅާ އެކު ރެއާލް އޮތީ 42 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. ދެވަނައިގައި 52 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެ ލީގުގެ އެއްވަނައިގައި 58 ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ މިނެޓްގައި ލޫކަސް ވަޒްކުއޭޒް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ރެއާލްގެ ދެވަނަ ގޯލު މެޗުގެ 27 ވަނަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން އިރު މެޗުގެ 34 ވަނަ މިނެޓްގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫސްއެވެ. އަދި ތިން މިނެޓްފަހުން ރެއާލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

ރެއާލްގެ ފަހު ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ ރޮނާލްޑޯ ވަނީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ތިން ގޯލާ އެކު މި ސީޒަނުގެ ސްޕެނިޝް ލީގުގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 11 އަށް އަރާފައެވެ.

ސޮސިއެޑާޑުން މި މެޗުގައި ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ ބައުޓިސްޓާ އާއި ކުރިން ރެއާލް އަށް ކުޅުނު އިޔަރަމެންޑީއެވެ.

ބޮޑު މޮޅެއް ރެއާލް އިން ހޯދިއިރު ކުރިއަށް އެޓީމަށް އޮތީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އާއި ދެކޮޅަށް ކުޅޭ މެޗެވެ. ސްޕެނިޝް ލީގު ހޯދުމުގެ ފުރުސަތު ރެއާލް އަށް ގާތްގަނޑަކަށް ގެއްލިފައިވާއިރު މި ސީޒަނުގައި އެޓީމަށް ހޯދުމުގެ ފުރުސަތު މިހާރު އޮތީ ޗެމްޕިއަންސް ލީގު އެކަންޏެވެ.

ރެއާލް އާއި ޕީއެސްޖީ ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ ރެއެވެ.