ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ޖިރޯނާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު 13 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ ބާސާއެވެ. ލީގުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ބާސާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ތިންވަނައިގައި 10 ޕޮއިންޓާ އެކު އޮތީ އަލަވޭސްއެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް ބާސާ އިންނެވެ. މި ގޯލު މެޗުގެ 19 ވަނަ މިނެޓްގައި ބާސާ އަށް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ. ގޯލުޖަހާނެ އިތުރު ފުރުސަތުތަކެއް ބާސާ އިން މި ގޯލަށްފަހު ވެސް ތަނަވަސްކޮށްފައިވާއިރު މެޗުގެ 35 ވަނަ މިނެޓްގައި ބޯޅަ ނެތީ ޖިރޯނާގެ ކުޅުންތެރިއަކަށް ހަމަލާދިން ކަމަށް ބުނެ ރެފްރީ ވަނީ ބާސާގެ ޑިފެންޑަރު ލެންގްލެޓް އަށް ރަތްކާޑު ދައްކާފައެވެ.

މެޗުގެ ބާކީބައި 10 ކުޅުންތެރިންނާ އެކު ބާސާ އިން ފުރިހަމަ ކުރަން ޖެހުނުއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޓުއާނީ ވަނީ ޖިރޯނާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ސްޓުއާނީ ވަނީ ޖިރޯނާ އަށް މެޗުގެ ލީޑު ވެސް ނަގާދީފައެވެ.

ނަމަވެސް މެޗުގެ 63 ވަނަ މިނެޓްގައި ޖެރާޑް ޕީކޭ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދިންއިރު މެޗުގެ ފަހުވަގުތު ބާސާ އިން ދިޔައީ ޖިރޯނާގެ ފަހަތަށް ވަރަށް ބޮޑަށް ބާރުބޮޑު ކުރަމުންނެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން ބާސާ އަށް ވަނީ އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

ޖިރޯނާ އަތުން ބާސާ އެއްވަރުވިއިރު ލީގުގައި އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ. ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ލެގާނޭސްއާއެވެ.