ފީފާ އިން ދެމުން އަންނަ "ބެސްޓް" ފީފާ އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް، ރެއާލް މެޑްރިޑާއި ކްރޮއޭޝިޔާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ އިތުބާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް ހޯދައިފިއެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މޮޑްރިޗް އަށް މި އެވޯޑު ލިބުނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުނު އަދި މިހާރު ޔުވެންޓަސް އަށް ބަދަލުވެފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ވިންގާ މުހައްމަދު ސަލާހު އާއި ވާދަކޮށެވެ.

އެވޯޑާ ހަވާލުވުމަށްފަހު މޮޑްރިޗް ވާހަކަދައްކަނީ - ފޮޓޯ: ފީފާ

ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންނާއި ނޫސްވެރިން އަދި ސަޕޯޓަރުންގެ ވޯޓުގެ 29.05 ޕަސެންޓް މޮޑްރިޗް އަށް ލިބުނުއިރު ރޮނާލްޑޯ އަށް ލިބުނީ 19.08 ޕަސެންޓެވެ. އަދި ސަލާހު އަށް ލިބުނީ 11.23 ޕަސެންޓް ވޯޓެވެ.

މި އެވޯޑު މޮޑްރިޗް އަށް ލިބުނު އިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ރެއާލް އަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި މިދިޔަ ޖުލައި މަހު ރަޝިޔާގައި ނިމިގެންދިޔަ ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކުރުމުގައި ވެސް މޮޑްރިޗްގެ ހިއްސާ ބޮޑެވެ. އެގޮތުން ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ މޮޑްރިޗްއެވެ.

ފީފާގެ އެވޯޑު މޮޑްރިޗް ހޯދިއިރު ޔޫއެފާ އިން ހޮވި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް މިފަހަރު ހޯދާފައިވަނީ މޮޑްރިޗްއެވެ.

އެންމެ މޮޅު އަންހެން، ފިރިހެން އަދި އެންމެ މޮޅު ކޯޗު - ފޮޓޯ: ފީފާ

ރޭގެ ރަސްމިއްޔާތުގައި މިއަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ހޮވާފައިވާއިރު މި އެވޯޑު ޗެމްޕިއަންސް ލީގު މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިން ޒައިނުއްދީން ޒިދާން އާއި ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިން ޒްލަޓްކޯ ޑަލިޗްއާ ވާދަކޮށް ކާމިޔާބުކުރީ ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޑިޑިއޭ ޑެޝޯމްޕްއެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ބްރެޒިލްގެ މާރްތާ ކާމިޔާބުކުރިއިރު މިއީ އޭނާ މި އެވޯޑު ކާމިޔާބުކުރި ހަވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ ހޯދިއިރު އަހަރުގެ އެންމެ މޮޅު ގޯލް ޖަހާ ކުޅުންތެރިޔަކަށްދޭ ފީފާ ޕުސްކަސް އެވޯޑް މި ފަހަރު ލިބުނީ ލިވަޕޫލް އަށް ކުޅެމުން އަންނަ މުހައްމަދު ސަލާހު އަށެވެ. ސަލާހު އަށް މި އެވޯޑު ލިބުނީ އެވަޓަން ކޮޅަށް އޭނާ ކާމިޔާބުކުރި ގޯލުންނެވެ.

ސަލާހު އަށް ޕުސްކަސް އެވޯޑު ހަވާލުކުރަނީ

އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ތިބޯ ކޯޓުއާ ހޯދިއިރު، ވޯލްޑް ކަޕްގެ އެންމެ މޮޅު ކީޕަރުގެ މަގާމު ވެސް ހޯދާފައިވަނީ ކޯޓުއާއެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިން ހިމެނޭ ފީފާ ފިފްޕްރޯ ޑްރީމް ޓީމު ވެސް އިއުލާންކޮށްފައެވެ.

ފިފްޕްރޯ ޑްރީމް ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން - ފޮޓޯ: ފީފާ

އެގޮތުން މި ޓީމު ޑޮމިނޭޓް ކޮށްފައިވަނީ ރެއާލް މެޑްރިޑުން ކަމަށްވާއިރު އެޓީމަށް ނިސްބަތްވާ ހަތަރު ކުޅުންތެރިއަކު މި ޓީމުގައި ހިމެނެއެވެ. އެއީ ސާޖިއޯ ރާމޯސް އާއި ރަފޭލް ވަރޭން އާއި މާސެލޯގެ އިތުރުން މޮޑްރިޗްއެވެ. މި ޓީމުގައި ދެން ހިމެނެނީ ޗެލްސީ އަށް ނިސްބަތްވާ އެޑެން ހަޒާޑް އާއި އެންގޯލޯ ކަންޓޭ އާއި ޕީއެސްޖީ އަށް ކުޅެމުން އަންނަ ޑެނިއަލް އަލްވޭސް އާއި ކިލިއަން އެމްބާޕޭ އާއި މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ އާއި ބާސެލޯނާ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީގެ އިތުރުން ޔުވެންޓަސް އަށް ކުޅެމުން އަންނަ ރޮނާލްޑޯއެވެ.