ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ތ. ތިމަރަފުށި ބަލިކޮށް، ފ. ނިލަންދޫން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ނިލަންދޫން މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތިމަރަފުށި ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަކީ ސާފް ޗެމްޕިއަންޝިޕަށް ލީގު މެދު ކަނޑާލުމަށްފަހު ކުޅުނު ފުރަތަމަ މެޗެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން ސާފް ޗެމްޕިއަންޝިޕަށް ލީގު މެދު ކަނޑާލީ ގައުމީ ޓީމުގެ ތައްޔާރީތަކަށެވެ. ރާއްޖެއިން ވަނީ ބަންގްލަދޭޝްގައި ކުރިއަށް ދިޔަ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، މިހާތަނަށް ލީގުގައި ކުޅެފައި އޮތް ހަތަރު މެެޗުން ނިލަންދުއާއި ތިމަފުއްޓަށްވެެެސް ލިބިފައި އޮތީ އެެންމެ ޕޮއިންޓެކެެވެެ. މިއަދުގެ މެޗުން މޮޅުވި ނިލަންދޫއަށް މިހާރު ވަނީ ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ.

މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް މަސައްކަތްކުރީ އެޓޭކެން ކުޅުމެއް ކުޅުމަށެވެ. ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު، ހަމަލާތައް ފެނިގެން ގޮސްފައިވެއެވެ. މެޗުގެ 11 ވަނަ މިނެޓުގައި ތިމަރަފުށީގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެން ދިޔައެވެ.

އޭރިއާ ބޭރުން ބިދޭސީ ކުޅުންތެރިޔާ ޔޮންޑޭޖީ ޓުންޑޭ ފޮނުވާލި ހަމަލާ އަމާޒުވީ ތިމަރަފުށީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުން ނިލަންދޫއަށް ލީޑު ނަގާނެ ރަނގަޅު ދެ ފުރުސަތު ފެނިގެން ދިޔައެވެ. އޭރިއާ ތެރެއިން އާދިލް އަލީއަށް ހުސްކޮށް ލިބުނު ފުރުސަތު އޭނާއަށް ރަނގަޅަށް ފޮނުވާ ނުލެވި، ފައިގައި ޖެހިފައި މަޑުމަޑުން ދިޔައީ ގޯލްކީޕަރު އަތަށެވެ.

އަދި އޭގެ ދެ މިނެޓް ފަހުން ޑިފެންޑަރު އަހުމަދު ސާޖިދު ދުރުން ފޮނުވާލި ހަމަލާ ގޯލްގެ މަތީ ކަނަށް ދިޔަ ނަމަވެސް، ތިމަރަފުށީގެ ގޯލްކީޕަރު އަދެޓުންޖީ ލޮރެންސް ވަނީ އެ ހަމަލާ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފައެވެ. މެޗުގެ ފުރަތަމަ ހާފްގެ ފަހުކޮޅުގައި މޮޅަށް ކުޅުނީ ތިމަރަފުށިންނެވެ. ފުރަތަމަ ހާފްގެ 32 ވަނަ މިނެޓުގައި އެޓީމުން ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއްވެސް ތަނަވަސް ކޮށްފައެވެ.

އޭރިއާ ތެރެއަށް ހުރަސްވެގެން ދިޔަ ބޯޅަ، ނިލަންދޫގެ ޑިފެންޑަރު ސާޖިދުގެ ފައިގައި ޖެހި ވެއްޓުނީ އޭރިއާ ރޮނގު މައްޗަށެވެ. ބޯޅައަށް ކުރިއަށް ޖެހި ހުރި، ތިމަރަފުށީގެ ޑިފެންޑަރު ޔަނަގީޓޭ ޓާކޫ އެ ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް، ނިލަންދޫގެ ޑިފެންޑަރު ވަނީ ބޯޅައަށް ހުރަސް އަޅާ ބޭރުކޮށްލައިފައެވެ.

ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ނިލަންދޫން ލީޑު ނެގިއެވެ. އޭރިއާ ތެރެއިން އާދިލް ފޮނުވާލި ހަމަލާ ތިމަރަފުށީ ގޯލްކީޕަރު ލޮރެންސް ވެއްޓިގަނެގެން ދިފާއުކުރި ނަމަވެސް، ރީބައުންސް ބޯޅައިގައި އަޑަކޫ ވެކޫ ލޫކަސް ފޮނުވާލި ހަމަލާގައި އޭނާއަށް ކުރެވޭނެ މަސައްކަތެއް ނެތެވެ.

މެޗުގެ ފުރަތަމަ ހާފް ނިލަންދޫން ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފް ވަރުގަދަކޮށް ފެށީވެސް ނިލަންދޫންނެވެ. އާދިލްގެ ދެ ހަމަލާއެއް ހާފްގެ ކުރީކޮޅުގައި ފާހަގަކޮށްލެވުނު އިރު، އެ ދެ ހަމަލާވެސް އަމާޒުވީ ތިމަރަފުށީ ގޯލްކީޕަރު ލޮރެންސްގެ އަތަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އާދިލް ވަނީ ފަހި ފުރުސަތެއްވެސް ތަނަވަސް ކޮށްދީފައެވެ. އަރިމަތިން ތިމަރަފުށީގެ ތިން ކުޅުންތެރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ތިރިތިރީން ނަގައިދިން ބޯޅަ، ފުރަތަމަ ގޯލް ޖެހި ލޫކަސްއަށް ލިބުނު ނަމަވެސް އޭނާއަށް ގޯލާ އަމާޒެއް ނުކޮށްލެވުނެވެ.

ދެވަނަ ހާފް ޑޮމިނޭޓްކޮށް މޮޅަށް ކުޅުނީ ނިލަންދޫންނެވެ. ހާފްގެ ފަހުކޮޅުގައި އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއްވެސް ލިބިގެން ގޮސްފައެވެ. މެޗުގައި މޮޅަށް ކުޅެމުން ދިޔަ އާދިލް އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް، އިބްރާހީމް ފުރުގާން (ފުގޭ)އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނު އިރު، އެ ދެ ހަމަލާވެސް ދިފާއުކުރީ ގޯލްކީޕަރު ލޮރެންސެވެ.

މެޗު ނިމެން ދަނިކޮށް ނިލަންދޫން ލީޑު ފުޅާކުރިއެވެ. ފުރަތަމަ ގޯލް ޖެހި ލޫކަސް ނަގައިދިން ހުރަސް، ގޯލަށް އަމާޒުކޮށްލީ ފުގޭއެވެ. ފުގޭ ގޯލަށް ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސް ދަނޑީގައިވެސް ޖެހިފައެވެ. އެ ގޯލަށް ދެ މިނެޓްވެސް ނުވަނީސް، ނިލަންދޫން ލީޑު ފުޅާކުރިއެވެ. އޭރިއާ ތެރޭގައި ހުސްކޮށް ހުރެ، އަލީ ހާޝިމް ފޮނުވާލި ބޯޅަ ގޯލްކީޕަރު ދިފާއުކުރި ނަމަވެސް، އެ ބޯޅަ ލިބުނީ އޭރިއާ ތެރޭގައި ހުސްކޮށް އޮތް، އާދިލަށެވެ. އޭނާ ބޯޅަ ގޯލަށް ފޮނުވާލީ ފަސޭހަ ކަމާއެކުގައެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. 9:00ގައި ގައުމީ ދަނޑުގައި އޮންނަ މެޗުގައި ވާދަކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.