މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް ގޯލެއް ކާމިޔާބުކުރަން ކެތްމަދުވެފައި ހުރި ކަމަށް ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ބުނެފިއެވެ.

ލިވަޕޫލްގައި މި ސީޒަނުގައި މޮޅު ކުޅުމެއް ސަލާހު ދައްކަމުން އަންނައިރު ޔުނައިޓެޑް ފިޔަވައި ޕްރިމިއަރ ލީގުގެ ބޮޑެތި ހުރިހާ ކްލަބެއްގެ ކޮޅަށް އޭނާ ވަނީ މިހާތަނަށް ގޯލު ކާމިޔާބުކޮށްފައެވެ.

ޕްރިމިއަރ ލީގުގައި މިއަދު ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލް ނިކުންނައިރު ސަލާހު ބުނީ ކުޅޭ ކޮންމެ މެޗެއްގައި ވެސް ގޯލެއް ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި ޔުނައިޓެޑް ކޮޅަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވުމުން މިރޭގެ މެޗުގައި ކުޅެން ވަރަށް ބޮޑަށް ޝައުގުވެރިވެފައިވާ ކަމަށެވެ.

"ޔުނައިޓެޑްގައި ހުރީ މޮޅު ކީޕަރެއް. ޕްރިމިއަރ ލީގުގެ ގަދަ ހަ ޓީމުގެ ތެރެއިން އަހަންނަށް ގޯލެއް ކާމިޔާބު ނުކުރެވި މިހާރު އޮތީ ޔުނައިޓެޑް ކޮޅަށް އެކަނި. އެކަން ކުރުމަށް މިރޭ މަސައްކަތް ކުރާނަން" ސަލާހު ބުންޏެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ރޯމާ އިން 36.9 މިލިއަން ޕައުންޑުގެ އަގަކަށް ލިވަޕޫލް އާއި ގުޅުނު ސަލާހު ވަނީ މި ސީޒަނުގައި މިހާތަނަށް 32 ގޯލު ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލް މިއަދު ނިކުންނައިރު އެޓީމު އޮތީ 60 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. 62 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ ދެވަނައިގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެގަޑިން 5:30 ގައެވެ.