ބެލްޖިއަމް ތަރި އެޑެން ހަޒާޑްގެ އެންމެ މޮޅު ކުޅުން އަދިވެސް ނުފެންނަ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އޭނާ ދާނީ ކުރިއަރަމުން ކަމަށް ޗެލްސީގެ އެސިސްޓެންޓް ކޯޗު، އަދި ލެޖެންޑް ޖިއާންފްރޭންކޯ ޒޯލާ ބުނެފިއެވެ.

ރޭ ލީގު ކަޕްގައި ޗެލްސީއާއި ލިވަޕޫލް ވާދަކުރި މެޗު ޗެލްސީން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލިވަޕޫލްއިން ގޯލް ޖެހި ނަމަވެސް، ޗެލްސީން ވަނީ ފަހަތުން އަރައި ދެ ގޯލް ޖަހައިގެން އަނެއް ބުރަށް ދަތުރުކޮށްފައެވެ. ޗެލްސީއަށް ދެވަނަ ގޯލް، މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަޒާޑެވެ. ހަޒާޑް އެ ގޯލް ޖެެހީ ލިވަޕޫލްގެ ހަތަރު ފަސް ޑިފެންޑަރުން ކައިރިން ވަރަށް ރީތިކޮށް ނައްޓާ، އޭރިއާ ތެރެއަށް ވަދެގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޒޯލާ ބުނީ ހަޒާޑް ޖެހި ގޯލަކީ އާދަޔާ ހިލާފް މޮޅު ގޯލެއް ކަމަށާއި، އެ ގޯލް ރީތީ ހަމައެކަނި ޖެހި ގޮތުން ނޫން ކަމަށާއި، ޖެހި ވަގުތުގެވެސް ގޮތުން ކަމަށެވެ. އޭގެ އިތުރުންވެސް ހަޒާޑަކީ މިހާރު ހަމައެކަނި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ނޫން ކަމަށާއި، މުޅި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވެސް ޒޯލާ ބުންޏެވެ.

ޒޯލާ ބުނެފައި ވަނީ ހަޒާޑަކީ އަދިވެސް ހުނަރު ކުރިއަރުވަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެވެސް ފެންވަރު ރަނގަޅު ކުޅުމެއް ހަޒާޑްގެ ފަރާތުން ފެންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނުކުތް އިރު، ލީގުގައި ކުޅުނު ހަތް މެޗުންވެސް އޮތީ މޮޅުވެފައެެވެ. މިހާތަނަށް ސީޒަންގައި ބަލިނުވެ އޮތް ލިވަޕޫލުން އަންނަ އާދީއްތަ ދުވަހުވެސް ޗެެލްސީއާ ކޮޅަށް ލީގުގައި ނުކުންނަ އިރު، ޗެލްސީންވެސް އަދި ލީގުގައި ބަލިވެފައެއް ނުވެއެވެ.