ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާއާ ދެކޮޅަށް ކުުޅުނު މެޗުން ރެއާލް ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ.

ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ތާވަލުގެ ފުލުގައި އޮތް ލެގާނޭސް އަތުން ބަލިވެފައި އޮތް އިރު، ރެއާލްއިން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ތާވަލުގެ އެއްވަނައަށް ޖެހިލެވެން އޮތެވެ. އެހެން ނަމަވެސް، އަންދްރޭ ސިލްވާގެ ދެ ގޯލާއި ވިސާމް ބެން ޔެޑާގެ ގޯލާއެކު ރެއާލްއިން ސެވިއްޔާ އަތްދަށުވީ ބޮޑު ތަފާތަކުންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު ހޫލެން ލޮޕެޓީގު ބުނެފައި ވަނީ ޓީމު ބަލިވީ މެންޓަލް މައްސަލައެއްގެ ސަބަބުން ނޫން ކަމަށެވެ.

"ޓީމު ބަލިވީ މެންޓަލް މައްސަލަތަކެއްގެ ސަބަބަކުން ނޫން. އެއީ ޓީމަށް ދިމާވި އެހެން މައްސަލަތަކެއް. ރޭގެ މެޗުގެ ފެށުން ގޯސްވި. ސެވިއްޔާއިން މެޗަށް ނުކުތީ ތައްޔާރުވެސް ވެގެން. ދެވަނަ ހާފްގައި ރެއާލް ރަނގަޅަށް ފެށި ނަމަވެސް، ސެވިއްޔާއިން މެޗު ހުޅުވާލި. ރެއާލްއަށް އެހިސާބުން އުނދަގޫތަކެއް ދިމާވި. ސެވިއްޔާއަށް މަރުހަބާ ކިޔަން ޖެހޭ،" ސްޕެއިންގެ ކުރީގެ ކޯޗު ލޮޕެޓީގު ބުންޏެވެ.

ރެއާލް މެޑްރިޑްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމު ދޫކޮށް ޔުވެންޓަސްއަށް ބަދަލުވެފައިވާ އިރު، އޭނާ ނެތްތައް ފޫބެންދުމަކީ ރެއާލްއަށް މި ސީޒަނުގައި ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖު ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެގޮތުން ޓީމަށް މެންޓަލީ އެ އަސަރު ކޮށްފައިވާ ކަމަށްވެސް ބައެއް ފުޓުބޯޅަ އެކްސްޕާޓުން ވަނީ ބުނެފައެވެ.

ލޮޕެޓީގު ބުނެފައި ވަނީ ރޮނާލްޑޯ ނެތްތަން އެޓީމަށް ފޫބެއްދޭނެ ކަމަށާއި، އެކަމަށް އޭނާ ބޭނުން ކުރާނެ ކުޅުންތެރިޔަކީ ގެރެތު ބޭލް ކަމަށެވެ. އެހެން ނަމަވެސް، ބޭލްގެ ފަރާތުން އަދި އެފަދަ މޮޅު ކުޅުމެއް ފެނިފައެއް ނުވެއެވެ.