ޗެމްޕިއަންސް ލީގުގައި އެންމެފަހުން ޔުވެންޓަސް އިން ކުޅުނު މެޗުގައި އެޓީމުގެ ފޯވާޑް ކްރިސްޓިއަނޯ ރޮނާލްޑޯ އަށް ދެއްކި ރަތްކާޑާ ގުޅިގެން އޭނާ އެއް މެޗަށް ސަސްޕެންޑް ކުރަން ޔުއެފާ އިން ނިންމައިފިއެވެ.

ވެލެންސިޔާއާ ދެކޮޅަށް ކުޅެ 2-0 އިން ޔުވެންޓަސް މޮޅުވި އެ މެޗުގައި ރޮނާލްޑޯ އަށް ރަތްކާޑު ދެއްކީ ބޯޅަ ނެތީސް ވެލެންސިޔާގެ ކުޅުންތެރިއަކަށް ހަމަލާދިން ކަމަށް ބުނެއެވެ. މިއީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ރޮނާލްޑޯ އަށް ރަތްކާޑު ދެއްކި ފުރަތަމަ ފަހަރެވެ.

މި ރަތްކާޑާ ގުޅިގެން ރޮނާލްޑޯ އަށް ބޮޑު ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް ޔުއެފާ އިން ނިންމާފައިވަނޯ ރޮނާލްޑޯ އެއް މެޗަށް ސަސްޕެންޑް ކުރުމަށެވެ. ޔުއެފާގެ ގަވާއިދުތައް ބުނާގޮތުން މި ސަސްޕެންޝަން އެޕީލް ކުރުމުގެ ފުރުސަތެއް ޔުވެންޓަސް އަށް ނޯންނާނެއެވެ.

އެހެންކަމުން ރޮނާލްޑޯ އަށް ނުކުޅެވޭނީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އިން އަންނަ މަހުގެ ދެވަނަ ދުވަހު ސްވިޒަލޭންޑްގެ ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. ރޮނާލްޑޯ އެނބުރި އަންނާނީ އޭނާގެ ކުރީގެ ކްލަބު ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ޔުވެންޓަސް އިން ކުޅޭ މެޗަށެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހު ޔުނައިޓެޑުގެ ދަނޑުގައެވެ.

ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު އުމުރުން 33 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވެފައިވަނީ މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި 99 މިލިއަން ޔޫރޯ އަށެވެ. ރޮނާލްޑޯ އަކީ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.