2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޖަރުމަނުގައި ބޭއްވުމަށް ނިންމައިފިއެވެ.

2024 ވަނަ އަހަރުގެ ޔޫރޯ ބޭއްވުމުގެ ފުރުސަތު ޖަރުމަނަށް ލިބުނީ ސްވިޒަލޭންޑްގެ ނިޔޯންގައި މިއަދު ބޭއްވި ޔުއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ނެގި ވޯޓުންނެވެ. ޖަރުމަނުގެ އިތުރުން 2024 ވަނަ އަހަރުގެ ޔޫރޯ ބޭއްވުމަށް ދެން ބިޑުކޮށްފައިވަނީ ތުރުކީންނެވެ.

ޔުއެފާގެ ރައީސް އެލެގްޒަންޑާ ސެފެރިން ވިދާޅުވީ 2024 ވަނަ އަހަރުގެ ޔޫރޯ ބޭއްވުމަށް ޖަރުމަނާއި ތުރުކީން ހުށަހެޅީ ވަރަށް ވަރުގަދަ ބިޑުތަކެއް ކަމަށާއި ޔޫރޯ ބާއްވާނެ ގައުމެއް ކަނޑައެޅީ ވަރަށް ދެފުށް ފެންނަ މަރުހަލާއެއްގެ ތެރެއިން ކަމަށެވެ.

"ވޯޓުގެ ކަންތައްތައް ދިޔައީ ވަރަށް ޑިމޮކްރެޓިކް ގޮތަކަށް. ކޮންމެ ޑިމޮކްރެޓިކް ނިންމުމަކީ ވެސް ރަނގަޅު ނިންމުމެއް. 2024 ވަނަ އަހަރުގެ ކާމިޔާބު މުބާރާތެއް ފެނިގެންދާނެ ކަމަށް އުއްމީދުކުރަން" ސެފެރިން ވިދާޅުވިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ ޖަރުމަނުގައި މި މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 1988 ވަނަ އަހަރުއެވެ.

2024 ވަނަ އަހަރުގެ ޔޫރޯ އޮންނާނީ އެ އަހަރުގެ ޖޫން އަދި ޖުލައިގައި ކަމަށްވާއިރު އެ މުބާރާތުގައި 24 ޓީމަކުން ވާދަކުރާނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖަރުމަނުގެ ވެރިރަށް ބާލިންގައި ކަމަށްވާއިރު މުބާރާތުގެ މެޗުތަށް ޖަރުމަނުގެ ބޮޑެތި ސިޓީތަކުގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް އެންމެފަހުން ބޭއްވީ ފްރާންސްގައެވެ. އެ މުބާރާތް ފްރާންސް ބަލިކުރުމަށްފަހު ކާމިޔާބުކުރީ ޕޯޗުގަލް އިންނެވެ.