ދިރާގު ދިވެހި ޕްރިިމިއާ ލީގުގައި ކުޅުންތެރިޔަކު މަދުކޮށް މެޗު ނިންމާލި ށ. ފޯކައިދޫން، ބ. ފެހެންދު ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 71 ވަނަ މިނެޓުގައި ފޯކައިދޫގެ ފޯވަޑް އަހުމަދު އުސާމަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީބައި ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެހެން ނަމަވެސް ފޯކައިދޫން ވަނީ ފެހެންދޫގެ މައްޗަށް 4-0 އިން މޮޅުވެ، ލީގުގެ ފުރަތަމަ މޮޅު ހޯދައިފައެވެ.

މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުން ފޯކައިދޫއަށް ފަސް ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. ފެހެންދޫ އޮތީ އަށްވަނައިގައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ފެހެންދޫ އަދި ފޯކައިދޫ ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެޓީމުުންވެސް މަސައްކަތް ކުރީ ކުރިއަށް ޖެހިގެން އެޓޭކް ކުރުމަށެވެ. މެޗުގެ 22 ވަނަ މިނެޓުގައި ފެހެންދޫއަށް މެޗުގެ ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައެވެ. އޭރިއާ ތެރެއިން އަހުމަދު ނިޒާމް (ނިޒާމްބެ)އަށް ލިބުނު ބޯޅަ އޭނާ ކުރިއަށް ފޮނުވާލި ނަމަވެސް، ފޯކައިދުއަށް ކުޅެމުން އަންނަ ޕާކިސްތާންގެ ގޯލްކީޕަރު ސާގިބް ހަނީފް ވަނީ އެ ހަމަލާ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

ރީބައުންސް ބޯޅަ މުހައްމަދު ރީހާން ގޯލަށް ފޮނުވާލި ނަމަވެސް، ޑިފެންޑަރު ވަނީ އެ ހަމަލާ ސާފު ކޮށްލައިފައެވެ. އޭގެ މިނެޓެއް ފަހުން އަނެއްކާވެސް ނިޒާމްބެގެ ބާރު ހަމަލާއެއް ފެނިގެން ދިޔައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ޕަންޗުކޮށް ބޭރުކޮށްލީ ސާގިބެވެ.

ފެހެންދޫން އެޓޭކް ކުރަމުން ދަނިކޮށް، މެޗުގެ 29 ވަނަ މިނެޓުގައި ފެހެންދޫން ލީޑު ނެގިއެވެ. އަހުމަދު ވިޖުދާން އަރިމަތިން ކުރިއަށް ޖެހި، ތިރިތިރީން ނަގައިދިން ހުރަސް، ގޯލަށް ވައްދާލީ ބިދޭސީ ކުޅުންތެރިޔާ ހަލީލް ގަމާލްއެވެ. ފޯކައިދޫން ލީޑު ނެގި ނަމަވެސް މެޗުގައި ފެހެންދޫން ފެނިގެން ދިޔައީ ހިތްވަރު އެލުވާ ނުލާ ކުޅުނުތަނެވެ. ހާއްސަކޮށް މެޗުގެ ފަހު ދިހަ މިނެޓާ ހަމައަށް ފެހެންދޫން ވަނީ ނަތީޖާ 1-0ގައި ހިފަހައްޓައި ހިތްވަރުކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ފެހެންދޫ އަދި ފޯކައިދޫ ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހާފް ނިމުމުގެ ކުރިން ނިޒާމްބެގެ އިތުރު ހަމަލާއެއްވެސް ފެނިގެންދިޔައެވެ. މި ފަހަރުވެސް ފޯކައިދޫ ސަލާމަތްކޮށްދިނީ ގޯލްކީޕަރު ސާގިބު ހަނީފެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން، ހާފްގެ ކުރީކޮޅުގައި ގިނަވަގުތު ބޯޅަ ގެންގުޅެފައި ވަނީ މެދުތެރެއިންނެވެ. ދެޓީމުންވެސް ޕާސިން ގޭމެއް ކުޅެން މަސައްކަތް ކުރި އިރު، މެޗުގެ 71 ވަނަ މިނެޓުގައި ރެފްރީއާ ޖަދަލު ކުރުމުގެ ތެރެއިން ފޯކައިދޫގެ އުޝާމަށް ރެފްރީ ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

އުޝާމްގެ ރަތް ކާޑާއެކު ފެހެންދޫން ކުރިއަށް ޖެހިގެން ކުޅެން މަސައްކަތް ކުރިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް، އަހުމަދު ނިޒާމް، 76 ވަނަ މިނެޓުގައި ކުރިއަށް ފޮނުވާލި ހަމަލާ ބްލޮކް ވެގެން ގޮސް، އިބްރާހީމް މާޖިދަށް ފަހިވި ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ގޯލްކީޕަރު ސާގިބު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ފޯކައިދޫން ލީޑު ފުޅާކުރިއެވެ. ހަލީލް ނަގައިދިން ބޯޅަ ގޯލަށް ވައްދާލީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ޖައިލަމް (އޮގީ)އެވެ. އޭގެ ދެ މިނެޓް ފަހުން އަނެއްކާވެސް އޭނާގެ ގޯލަކާއެކު ފޯކައިދޫން 3-0ގެ ލީޑެއް ނެގިއެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ޑިފެންޑަރު މަހުމޫދު ސައީދު (ރާމޯސް)ގެ ގޯލާއެކު ތަފާތު ބޮޑުކުރިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ފެހެންދޫ އަދި ފޯކައިދޫ ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފަހަތުން ފެށިގެން ބޯޅަ ހިފައިގެން ކުރިއަށް ގޮސް، އޭރިއާ ތެރެއަށް ވަދެ ރާމޯސް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ މަތީ ކަނަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މި ހަފްތާގެ ފަހު މެޗު މާދަމާ ރޭ އޮންނާނެއެވެ. މާދަމާ ރޭ 9:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ކްލަބު އީގަލްސްއާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.