އެފްއޭކަޕްގައި މެންޗެސްޓާ ސިޓީއިން ވިގަން އެތްލެޓިކޯއާއި ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުންކުރި ރީނދޫކުލައިގެ ރިބަންކޮޅެއްގެ ސަބަބުން އިނގިރޭސިވިލާތުގެ އެފްއޭއިން އޭނާ ޖޫރިމަނާކޮށްފިއެވެ.

ގާޑިއޯލާ 20000 ޕައުންޑުން ޖޫރިމަނާކޮށްފައިވާއިރު އިނގިރޭސި އެފްއޭގެ އެގްޒެކެޓިވް ޗެއާމަން މާޓިން ގްލެން ބުނެފައިވަނީ ގާޑިއޯލާ ޖޫރިމަނާކޮށްފައި ވަނީ އެފްއޭގެ ހެދުން އެޅުމުގެ އުސޫލުތަކާއި ހިލާފުވުމުން ކަމަށެވެ. އަދި ރީނދޫ ކުލައިގެ ރިބަންކޮޅުން ދެނީ ސިޔާސީ މެސެޖެއް ކަމަށާއި އެކަމަކީ އެފްއޭއިން ބަލައިގަންގާނެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

ގާޑިއޯލާއަށް ވަނީ މީގެ ކުރިންވެސް ސިޔާސީ ހަރަކާތެއްގެ ސަބަބުން އެފްއޭއިން އިންޒާރު ދީފައެވެ. އަދި ރިބަންކޮޅުގެ މައްސަލައިގައި ގާޑިއޯލާއަށް ޖަވާބުދާރީވާން އަންގައިފައިވާއިރު އޭނާ ބުނެފައިވަނީ ރިބަންކޮޅުން ރަމްޒުކޮށްދެނީ ސިޔާސީ މެސެޖެއް ނޫންކަމަށާއި އެއީ ޑިމޮކްރަސީއަށް ދެވޭ މެސެޖެއްކަމަށެވެ.

ގާޑިއޯލާ ފާހަގަ ވެފައި އޮންނަނީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ ކޯޗެއްގެ ގޮތުގައެވެ. އެއީ ކެެތެލޯނިއާ މިނިވަންކަމަށްވެސް ގާޑިއޯލާ ފާޅުގައި ވަކާލާތު ކޮށްފައި ވުމުންނާއި ސިޔާސީ ބައެއް ހައްޔަރީން މިނިވަން ކުރުމަށް ގާޑިއޯލާ ގޮވާލާފައި ވުމުންނެވެ.

ގާޑިއޯލާއަށް ރީނދޫ ރިބަންކޮޅު ބޭނުން ނުކުރުމަށް އެފްއޭއިން އަންގާފައިވިނަމަވެސް އަދިވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި އޭނާ އެ ރިބަންކޮޅު ބޭނުން ކުރެއެވެ.