ޕްރިމިއާ ލީގު ކާމިޔާބު ކުރަން ލިވަޕޫލް އޮތީ ތައްޔާރަށް ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ލިވަޕޫލް އަށް ލީގު ކާމިޔާބު ނުކުރެވޭތާ ގިނަ އަހަރުތަކެއް ވެގެން ގޮސްފައިވާއިރު ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ސީޒަނުގައި ލީގު ހޯދުމުގެ ފުރުސަތު އެންމެ ބޮޑު އެއް ކްލަބަކީ ލިވަޕޫލްއެވެ. އެގޮތުން ލިވަޕޫލް އިން ވަނީ މިދިޔަ ޓްރާންސްފާ މާކެޓުގައި މުހިއްމު ކުޅުންތެރިންތަކެއް ގެނެސް ސްކޮޑު އިތުރަށް ވަރުގަދަ ކޮށްފައެވެ.

ލީގުގައި މިރޭ ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗުގެކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސާރީ ބުނީ ލިވަޕޫލް އަކީ މަތީ ފެންވަރުގެ ކްލަބެއް ކަމަށާއި ފާއިތުވި ހަތަރު ސީޒަނުގައި ވެސް އެއް ކޯޗަކާއެކު މަސައްކަތް ކޮށްފައިވުމުން ލިވަޕޫލް މިހާރު އޮތީ ޕްރިމިއާ ލީގު ކާމިޔާބު ކުރަން ތައްޔާރަށް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ކްލޮޕް (ލިވަޕޫލްގެ ކޯޗު) އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކޯޗު. ފާއިތުވި ސީޒަންތަކުގައި ކްލޮޕް މިވަނީ ލިވަޕޫލްގެ ކުޅުންތެރިންނާ އެކު ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައި. އެހެންވީމަ ކޮންމެވެސް ތަށްޓެއް ކާމިޔާބު ކުރަން ލިވަޕޫލް މިހާރު އެ އޮތީ ތައްޔާރަށް. އެ ވެދާނެ ޕްރިމިއާ ލީގަށް ވެސް. ނޫނީ ޗެމްޕިއަންސް ލީގަށް ވެސް. މުހިއްމު ތަށްޓެއް ކާމިޔާބު ކުރަން ލިވަޕޫލް އޮތީ ތައްޔާރަށް" ސާރީ ބުންޏެވެ.

ލީގުގައި މިރޭ ޗެލްސީއާ ލިވަޕޫލް ބައްދަލުކުރާއިރު މިދިޔަ ބުދަ ދުވަހުގެރޭ އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. އެ މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ޗެލްސީންނެވެ.

ސާރީ ބުނީ މިރޭގެ މެޗަކީ ތަފާތު މުބާރާތެއްގައި ކުޅޭ ތަފާތު މެޗެއް ކަމަށާއި ފާއިތުވި މެޗާ ހިލާފަށް މި މެޗަށް ދެ ޓީމުން ނެރޭ ފުރަތަމަ އެގާރަ ވެސް ތަފާތުވާނެ ކަމަށެވެ.

"ބުދަ ދުވަހުގެރޭގެ މެޗާ އެއްގޮތަށް، މިރޭގެ މެޗު ވެސް ވެގެންދާނީ އުނދަގޫ މެޗަކަށް" ސާރީ ބުންޏެވެ.

ޗެލްސީގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9:30 ގައެވެ.