ސްޕެއިންގެ ބާސެލޯނާ ދޫކޮށް ރެކޯޑް އަގަކަށް ފްރާންސްގެ ޕީއެސްޖީއާއި ގުޅުނު ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ ރެއާލްއަށް ގެންދަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

ސްޕެއިންގެ ނޫހެއްކަމުގައިވާ އޭއެސް އިން ބުނެފައިވާ ގޮތުގައި ނޭމާގެ ރެއާލްއަށް ގެންދިޔުމުގެ މަޝްވަރާތަށް ނޭމާގެ ބައްޕައާއި މެޑްރިޑާއި ދެމެދުގައި ފަށާފައިވާ ކަމުގައެވެ. އަދި ނޭމާ ރެއާލްއަށް ގެންދިޔުމުގެ ފުރަތަމަ އެއްބަސްވުމުގައި ނޭމާގެ ބައްޕަ ސޮއިކޮށްފައިވާ ކަމުގައިވެސް އެ ރިޕޯޓްގައިވެއެވެ.

ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ނޭމާ، އޭނާގެ ބައްޕައާއި ދެވަކީލުން މިދިޔަ ހަފްތާގެ ތެރޭގައި ޕެރިހުގައި މެޑްރިޑްގެ ވަފްދަކާއި ބައްދަލުކޮށްފައިވާއިރު އެ ބައްދަލުވުމުގައި ވަނީ 400 މިލިއަން ޔޫރޯއަށް ނޭމާ ރެއާލްއަށް ވިއްކާލުމަށް އެއްބަސްވެފައެވެ. އަދި މެޑްރިޑްގައި ހުންނައިރު ނޭމާގެ މުސާރައާއި އެނޫންވެސް ކަންކަމާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ރެއާލް މެޑްރިޑްގެ ރައީސް ފްލެރެންޓީނިއޯ ޕެރޭޒް ވަނީ މީގެ ކުރިން ނޭމާ އެކުލަބަކަށް ގެންނަން ބޭނުންވާ ކަމުގައި ބުނެފައެވެ.

ނޭމާ މެޑްރިޑަށް ގެނެވުމުގެ މަޝްވަރާތަށް ދެފަރާތުން ކުރަމުން ގެންދާއިރު މިކަމަށް ނޭމާ އަދި ބަހެއް ބުނެފައެއްް ނުވެއެވެ. ނަމަވެސް ޕީއެސްޖީގައި ހުންނަން އެހާ ހިތްހަމަ ނުޖެހޭކަމަށް މީގެ ކުރިން ނޭމާ ބުނެފައިވާއިރު ފުޓްބޯޅަ ދިރާސާކުރާ ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ ވަރަށް އަވަހަށް ނޭމާ އެހެން ކުލަބަކާއި ގުޅޭނެކަމަށެވެ.

400 މިލިއަން ޔޫރޯއަށް ނޭމާ ރެއާލްއަށް ގެންގޮސްފިނަމަ އެކަން ވެގެންދާނީ ދުނިޔޭގެ އައު ރެކޯޑްއަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިއަލިޓީ

    ތިޔަ ވިޔަފާރި މުދާގަނޑެއްތަ؟ ތިޔަހެން އުޅުނު މީހުން ގުއިވެ އަޅިއަށް ވީތަން ފެނިފަ އޮތީ މިހާތަނަށް.. އަނިޔާވުމުގެ ސިލްސިލާ ފެށިފަ އެއޮތީ ދެން އެއިން އަރައިގަތުމަކީ ނާދިރުކަމެއް އަނިޔާ ލިބުނުތަނުގެ ބާވަތުން.