ޑެނިއަލް ސްޓަރިޖް ފަހު މިނެޓުގައި ކާމިޔާބުކުރި ލަނޑާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އިން ވާދަވެރި ޗެލްސީއާ 1-1 އިން އެއްވަރުކޮށްފިއެވެ.

މި ނަތީޖާއާއެކު 17 ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ ތިންވަނައިގައެވެ. ދެވަނައިގައި 19 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ވެސް ލިބިފައިވަނީ 19 ޕޮއިންޓެވެ. ސިޓީ އަށް ލީގުގެ ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 24 ވަނަ މިނެޓްގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. ކޮވަސިޗް ދިން ޕާހަކުން މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އެޑެން ހަޒާޑްއެވެ. ހަޒާޑް މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާގެ ވާތު ފައިން ފޮނުވާލި ހަމަލާއަކުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ލިވަޕޫލްގެ މުހައްމަދު ސަލާހު އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ޗެލްސީގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ސަލާހު ފޮނުވާލި އެ ހަމަލާ ގޯލުގެ ހުރަސް ރޮގުމަތިން ޗެލްސީގެ ޑިފެންޑަރު ރުޑިގާ ވަނީ ދިފާއުކޮށްފައެވެ.

ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 63 ވަނަ މިނެޓްގައި ލީޑު އިތުރަށް ފުޅާކޮށްލަން ހަޒާޑް އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ފުދޭވަރަކަށް ހުހަށް ހުރެ ހަޒާޑް ފޮނުވާލި އެ ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފައެވެ.

ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިވަޕޫލުން މި ހާފުގައި ވެސް ތަނަވަސްކުރަމުން ދިޔައިރު އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 88 ވަނަ މިނެޓްގައި ސްޓަރިޖްއެވެ. ސްޓަރިޖް މި ގޯލު ކާމިޔާބުކުރީ ޗެލްސީގެ ގޯލާ 25 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުންނެވެ.

ރޭގެ މެޗު އެއްވަރުވެގެން ނިމުނުއިރު ލީގުގައި ލިވަޕޫލް އަދި ޗެލްސީ ވެސް އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.

ލީގުގައި އަންނަ ހަފްތާގައި ލިވަޕޫލް ނިކުންނާނީ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ. އަދި ޗެލްސީ ނިކުންނާނީ ލީގުގެ 15 ވަނައިގައި އޮތް ސައުތްހެމްޓަންއާ ދެކޮޅަށެވެ.