ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތައް އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ މެޗުތަކުގެ ނަތީޖާތަކާއެކު ރެއާލް އާއި ބާސާ އަށް ވެސް މިހާރު ލިބިފައިވަނީ 14 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ލީގުގެ އެއްވަނަ ލިބެނީ ބާސާ އަށެވެ. ދެވަނައިގައި ރެއާލް އޮތްއިރު ތިންވަނައިގައި 13 ޕޮއިންޓާ އެކު އޮތީ ސެވިއްޔާއެވެ.

ބާސާ ރޭ އެއްވަރުވީ ލީގުގެ 14 ވަނައިގައި އޮތް އެތްލެޓިކް ބިލްބާއޯއާ ބައްދަލުކޮށް 1-1 އިންނެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ އެގާރާގައި ލިއޮނަލް މެސީ ހިމަނާފައިނުވާއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބިލްބާއޯ އިންނެވެ. މި ގޯލު މެޗުގެ 41 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެ މާކޮސްއެވެ. މެޗުގެ ދެވަނަ ހާފްގައި މެސީ ކުޅެން އެރިއިރު މި ހާފުގައި ބާސާ އިން ދިޔައީ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުޓީނިއޯ އާއި މެސީ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ސުއަރޭޒް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ.

މި ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެސީ ނަގައިދިން ހުރަހަކުން މެޗުގެ 84 ވަނަ މިނެޓްގައި މުނީރު އަލް ހަދާދީ ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީ މި މެޗުން އެޓީމު ބަލިނުވެ ސަލާމަތްކޮށްދީފައެވެ.

ބާސާއާ ވާދަވެރި ރެއާލް މެޑްރިޑް ރޭ ލަނޑެއް ނުޖެހި އެއްވަރުވީ ލީގުގެ ހަތަރުވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާ ބައްދަލުކޮށެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެތްލެޓިކޯ އިން ރަނގަޅަށް ކުޅުނުއިރު އެޓީމުގެ ގްރިޒްމަން އާއި ކޮސްޓާ އަށް މި ހާފުގައި ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ކޮސްޓާ އާއި ގްރިޒްމަން ފޮނުވާލި އެ ހަމަލާތައް ދިފާއުކުރީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެއާލްގެ ކީޕަރު ކޯޓުއާއެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ރެއާލް އިން ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރިއިރު ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް މި ހާފުގައި އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެސް ރެއާލްގެ އެސެންސިއޯ އާއި ކަވަހާލް ފޮނުވާލި ނުރައްކާތެރި ހަމަލާތައް އެތްލެޓިކޯގެ ކީޕަރު އޮބްލަކް ވަނީ ދިފާއުކޮށްފައެވެ.

ރޭ ކުޅުނު މެޗުން ރެއާލް އާއި ބާސާ އެއްވަރުވިއިރު ލީގުގައި އެންމެފަހުން ކުޅުނު މެޗުން މި ދެ ޓީމު ވެސް ވަނީ ބަލިވެފައެވެ. އެގޮތުން ބާސާ ބަލިވީ ލެގަނޭސްއާ ބައްދަލުކޮށް 2-1 އިންނެވެ. އަދި ރެއާލް ބަލިވީ ސެވިއްޔާއާ ބައްދަލުކޮށް 3-0 އިންނެވެ.