ނަޕޯލީގެ މައްޗަށް 1-3 އިން ކުރި ހޯދާ އިޓާލިއަން ލީގުގައި ޖެހިޖެހިގެން ހަތްވަނަ މޮޅު ޔުވެންޓަސް އިން ހޯދައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް މިހާރު އޮތީ 21 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 15 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ތިންވަނައިގައި 13 ޕޮއިންޓާ އެކު އޮތީ ސަސުއޯލޯއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ނަޕޯލީންނެވެ. މި ގޯލު މެޗުގެ 10 ވަނަ މިނެޓްގައި ނަޕޯލީ އަށް ކާމިޔާބުކޮށްދިނީ މާޓެންސްއެވެ. ނަމަވެސް މެޗުގެ 29 ވަނަ މިނެޓްގައި މާރިއޯ މަންޒުކިޗް ވަނީ ޔުވެންޓަސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު މަންޒުކިޗް ވަނީ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. ޔުވެންޓަސް އިން މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ދެވަނަ ރީނދޫ ކާޑާއެކު ރެފްރީ ވަނީ ނަޕޯލީގެ މާކޯ ރުއީ އަށް ރަތްކާޑު ދައްކާފައެވެ. ރުއީ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ޔުވެންޓަސްގެ ޑިބާލާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ޔުވެންޓަސް އަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ލިއަނާޑޯ ބޮނޫޗީއެވެ.

ލީގުގައި ކުޅުނު ހަތް މެޗުން ވެސް ޔުވެންޓަސް މޮޅުވެފައިވާއިރު މިއީ އެ ކްލަބުގެ ތާރީހުގައި ލީގުގައި ކުޅުނު ފުރަތަމަ ހަތް މެޗުން މޮޅުވި ހަވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި ޔުވެންޓަސް ދެން ބައްދަލުކުރާނީ އުދިނޭސީއާއެވެ.