ލީގު ކަޕް ހަތަރުވަނަ ބުރުގައި ފްރޭންކް ލަޕްޕާޑާއެކު ޑާބީ ކައުންޓީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ލަމްޕާޑަކީ ކުޅުންތެރިއެއްގެ ގޮތުގައި 13 އަހަރު ޗެލްސީއާއެކު ހޭދަކޮށް، އެޓީމާއެކު ހުރިހާ ތަށްޓައްވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. ޑާބީއަކީ އޭނާގެ ޕްރޮފެޝަނަލް ކޯޗިންގައި ހަވާލުވި ފުރަތަމަ ކްލަބެވެ. ލީގު ކަޕްގެ ހަތަރުވަނަ ބުރަށް ޑާބީ ދަތުރުކުރީ ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑް، ޕެނެލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ.

ޗެލްސީން ހަތަރުވަނަ ބުރުގެ ފުރުސަތު ހޯދީ ލިވަޕޫލް ބަލިކޮށްގެންނެވެ.

އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ފުލްހަމްއާ ދެކޮޅަށް ނުކުންނަން ޖެހުނު އިރު، ވެސްޓަހަމްއިން ނުކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ. އާސެނަލްއިން ނުކުންނަން ޖެހޭނީ ލީގު ވަންގެ ބްލެކްޕޫލްއާ ދެކޮޅަށެވެ.

ލީގު ކަޕްގެ ހަތަރުވަނަ ބުރަށް ދަތުރުކުރި ޓީމުތަކުގެ ތެރެއިން އެންމެ ދަށްކޮށް ރޭންކު ކުރެވިފައިވާ ޓީމު، ބާޓަން އަލްބިއަން ނުކުންނަން ޖެހޭނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ.