ސާފް ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ އަންހެން މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ބޫޓާނާ ދެކޮޅަށް ނުކުންނާނެއެވެ.

މި އަހަރުގެ މުބާރާތަކީ ސާފްއިން އިސްނަގައިގެން ބާއްވާ 18 އަހަރުން ދަށުގެ އަންހެން ފުރަތަމަ މުބާރާތެވެ. ބޫޓާންގައި ކުރިއަށްދާ މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރެއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ އިންޑިއާއާއި މުބާރާތް ބާއްވާ ގައުމު ބޫޓާނެވެ. ގްރޫޕް ބީގައި ހިމެނެނީ ޕާކިސްތާނާއި، ނޭޕާލްގެ އިތުރުން ބަންގްލަދޭޝްއެވެ.

މުބާރާތުގެ ކުޅުން ފަށާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. ފުރަތަމަ ދުވަހު ގްރޫޕް އޭގައި ކުޅުނު މެޗުގައި ވާދަކުރީ އިންޑިއާއާއި ބޫޓާނެވެ. އެ މެޗު 4-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންޑިއާއެވެ. އިންޑިއާގެ ދެވްނީތާ ރޯއީ ދެ ގޯލް ޖެހި އިރު، އަނެއް ދެ ގޯލް ޖަހައިދިނީ މަނީޝާއާއި އަޝެމް ރޯޖާ ދޭވީއެވެ.

ގްރޫޕްބީގައި އެ ދުވަހު ކުޅުނު މެޗުގައި ވާދަކުރީ ނޭޕާލާއި ޕާކިސްތާނެވެ. އެ މެޗު ނޭޕާލުން ކާމިޔާބުކުރީ 12-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ނޭޕާލްގެ ރޭހާ ޕައުޑެލް ވަނީ ހަތް ގޯލް ޖަހައިފައެވެ. އަނެއް ގޯލްތައް ޖަހައިދިނީ ސަރޫ ލިމްބޫ، ރާޝްމީ ކުމާރީ ގިސިން، އަލީޝާ ޖިމްބާގެ އިތުރުން މަންޖާލީ ކުމާރީ ޔޯހަން އަދި މަނީޝާ ރައުޓެވެ.

މިއަދު ރާއްޖެ ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދުރު ފަހު 3:00 ގައެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުންނާނީ އޮކްޓޯބަރު ދެވަނަ ދުވަހުއެވެ.

މުބާރާތުގެ ސެމީއަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސާފް 18 އަހަރުން ދަށުގެ އަންހެން މުބާރާތުގެ ހުރިހާ މެޗެއްވެސް ބޫޓާން ފުޓްބޯލް ޓީވީގެ މައިކޫޖޫ އެކައުންޓުން ލައިވް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްލޯ އާމިރު

    ތިޔަ ތީމް ފެނިފަ އެންމެ އުފާވަނީ ބާސްކެޓް ގެ ކުޅުން ތެރިން ދިޔަކަން ޓީމާ އެކު ، އެކުދިން ގެ ބެލެނިވެރިން ނައް ވިސްނުނީ ތީވެ ސުކުރުއަދާ ކުރަން ،