ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު ސްޕެއިންގެ ޑިފެންޑަރު ޖޯޖު ގޮޓޯވެސް، އެޓީމުގެ ކުރީގެ ކޯޗު، އޮސްކާ ބުރުޒޮން މިހާރު ކޯޗުކޮށްދެމުންދާ ބަންގްލަދޭޝްގެ ބަސުންދަރަ ކިންގްސްއާ ގުޅިއްޖެއެވެ.

މި މަސްތެރޭގައި ނިއުއިން ގޮޓޯ ދޫކޮށްލިކަން ހާމަކޮށްފައިވާ އިރު، ލަފާކުރެވޭ ގޮތުގައި ނިއުއިން އޭނާ ދޫކޮށްލީ ކްލަބުގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުންނެވެ. އޭއެފްސީ ކަޕްގެ ދެވަނަ ބުރާ ގާތަށް ނިއު ޖެހިލި ނަމަވެސް، އެޓީމަށް އެ ފުރުސަތު ގެއްލުނީ ފަހު މެޗުގައި އިންޑިއާގެ އައިޒޯލް އެފްސީ އަތުން ބަލިވުމުންނެވެ.

އެ ހިސާބުން ކްލަބުގެ ފައިނޭންޝިއަލް މައްސަލަތަކެއް ކުރިމަތިވި އަޑުތައް މީޑިއާގައި ވަނީ ފެތުރިފައެވެ. ކްލަބަށް ކުޅެމުން ދިޔަ ޒޯހިބް އިސްލާމް އަމީރީ ކްލަބު ދޫކޮށް ދަމުން މީޑިއާއަށް ބުނެފައި ވަނީ މުސާރަ ނުދޭ ކަމަށެވެ. އެހެން ނަމަވެސް، ނިއުއިން ވަނީ އެކަން ދޮގުކޮށްފައެވެ. ނިއުއިން ބުނެފައި ވަނީ އަމީރީ ޑިމާންޑް ކުރީ ކޮންޓްރެކްޓްގައި ނެތް ކަންތައްތަކަކަށް ކަމަށެވެ.

ހަމަ މި ސީޒަންގެ މިޑް ޓްރާންސްފާ ސީޒަންގައި ކްލަބުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ވެސް ވަނީ ނިއުއިން މުސާރަ ނުދޭ ކަމަށްބުނެ އެފްއޭއެމްއަށް ކޮންޓްރެކްޓް އުވާލަން ހުށަހަޅާފައެވެ. އެފްއޭއެމްއިން އޭނާއާއެކު ނިއުއިން ވެފައިވާ ކޮންޓްރެކްޓް އުވާލާ ދިނުމުން ދަގަނޑޭ ގުޅިފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބާއެވެ.

ކުރިއަށް އޮތް ސީޒަނަށް ބަންގްލަދޭޝްގެ ބަސަންދުރަ ކިންގްސްއިން ޓީމު ވަރަށް ބޮޑަށް ވަރުގަދަ ކުރަމުންދާ އިރު، އެ ކްލަބާއެކު ނިއުއިން ވަނީ އެކުވެރިކަމުގެ މެޗެއްވެސް ކުޅެފައެވެ. އެ މެޗު ބަސަންދުރަ ކިންގްސްއިން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ބަސަންދުރަ ކިންގްސްއަށް އިރުޝާދު ދިނީ ނިއުގެ ކުރީގެ ކޯޗު އޮސްކާއެވެ. ނިއުގެ ކޯޗު ކަމުގައި މި ވަގުތު ހުރީ މާލޭ ލީގުގައި ވެލެންސިއާއަށް ކޯޗު ކޮށްދިން ސޮބާހު މުހައްމަދު (ސޮބާ)އެވެ.

ބަސަންދުރަ ކިންގްސްއަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފިނި ކަމަށްވާ ބަސަންދުރަ ގްރޫޕްގެ ކްލަބެކެވެ. އެ ޓީމުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބޮޑެތި ހަރަދުތަކެއް ކުރަމުންދެއެވެ. އެގޮތުން ނިއުއަށް ކޯޗުކަން ކޮށްދިން އޮސްކާ ގެންދިއުމުގެ އިތުރުން މިއަހަރުގެ ވޯލްޑް ކަޕުގައި ކޮސްޓަރީކާ ގައުމީ ޓީމަށް ކުޅުނު ޑެނިއަލް ކޮލިންދްރެސް އެޓީމަށް ވަނީ ގެންގޮސްފައެވެ.