2009 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ އަންހެނަކު ރޭޕްކުރި ކަމަށް ބުނެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ކުރެވިފައިވާ ތުހުމަތު އޭނާ ދޮގުކޮށްފިއެވެ.

މި ތުހުމަތު ރޮނާލްޑޯގެ މައްޗަށް ކޮށްފައިވަނީ އުމުރުން 34 އަހަރުގެ ކެތްރީން މަޔޯގާ ނަމަކަށް ކިޔާ އަންހެނެކެވެ. ޖަރުމަނުގެ މެގަޒިން އަކަށް މަޔޯގާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން ރޮނާލްޑޯ އޭނާ ރޭޕްކޮށްފައިވަނީ އެމެރިކާގެ ލަސް ވޭގަސްގެ ހޮޓަލެއްގެ ތެރެއިންނެވެ. މި ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް މި މައްސަލަ ލަސް ވޭގަސްގެ ފުލުހުންނަށް ހުށަހެޅި ކަމަށް މަޔޯގާ ބުނެފައިވެއެވެ.

އަދި މި ހާދިސާގެ ވާހަކަ އާއްމުންގެ މެދުގައި ނުދެއްކުމަށް ޝަރުތުކޮށް 2010 ވަނަ އަހަރުގެ ތެރޭގައި ރޮނާލްޑޯގެ ފަރާތުން އޭނާ އަށް 375،000 އެމެރިކާ ޑޮލަރު ދިން ކަމަށްވެސް މަޔޯގާ ބުނެފައިވެއެވެ.

މި ވާހަކަތަކާ ގުޅިގެން ރޮނާލްޑޯ އޭނާގެ "އިންސްޓަގްރާމް" ގައި އާއްމުކުރި ލައިވް ވީޑިޔޯއެއްގައި ބުނީ އެ މެގަޒިންގައި އާއްމުކޮށްފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި މިއީ އޭނާގެ ނަން ބޭނުންކޮށްގެން މަޝްހޫރުވާން ބައެއް ފަރާތްތަކުން ކުރާ ކަމެއް ކަމަށެވެ.

"އެމީހުން ބޭނުންވަނީ އަހަރެންގެ ނަން ޕްރޮމޯޓް ކުރަން. އެއީ ނޯމަލް ކަމެއް" ރޮނާލްޑޯ ބުންޏެވެ.

މި ވާހަކަތައް ރޮނާލްޑޯ ދޮގުކޮށްފައިވާއިރު އޭނާގެ ގާނޫނީ ވަކީލު ކްރިސްޓިއަން ސަންޗޭޒް ވަނީ މި ހަބަރު އާއްމުކުރި ޖަރުމަނުގެ މެގަޒިންއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މަސައްކަތް ފެށުމަށް ރޮނާލްޑޯ އަންގާފައިވާ ކަމަށްވެސް ސަންޗޭޒް ވިދާޅުވިއެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި 99 މިލިއަން ޕައުންޑުގެ އަގަކަށެވެ. ރޮނާލްޑޯ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑެ

    ކަލޯ ރޮނަލްޑޯ، ތިމައްސަލަ ދޫނުކުރާތި. އަންހެންވެރިން ހީކުރަނީ އެމީހުންއަތުގަކަމަށް ވޯލްޑް ބޭންކް އޮންނަނީ.