ސާފް ސުޒުކީ ކަޕްގެ ޓްރޮފީ، ގައުމީ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއެއްގެ ރަށަށްވެސް ގެންދިއުމަށް އެފްއޭއެމްއިން ނިންމާފައިވާ އިރު، ފުރަތަމަ ޓްރޮފީ ގެންދާނެ ރަށެއް ގޮތުގައި ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣާނީ (އަކޫ) ނިސްބަތްވާ ނ. މާފަރު ހަމަޖައްސައިފިއެވެ.

އެފްއޭއެމްއިން މިއަދު ބުނެފައި ވަނީ ޓްރޮފީ ޓުއާ މާފަރަށް ދާނީ އަންނަ ބުރާސްފަތު ދުވަހު ކަމަށާއި، ޓްރޮފީއާއެކު އެފްއޭއެމްގެ ހާއްސަ ވަފުދެއްގެ އިތުރުން ގައުމީ ޓީމުވެސް އެ ރަށްރަށަށް ދާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު މާފަރަށް ޓްރޮފީ ގެންދިއުމަށްފަހު އޭގެ އަނެއް ދުވަހު ޓްރޮފީ ގެންދާނީ ނ. ކުޑަފަރިއަށެވެ.

މިއަދު އެފްއޭއެމްއިން އިއުލާން ކޮށްފައި ވަނީ ޓްރޮފީ ޓުއާގެ ފުރަތަމަ ބުރުގައި ޓްރޮފީ ގެންދާނެ ރަށްތަކެވެ. އަދި މި ބުރުގައި ޓްރޮފީ ނުގެންދާ ބައެއް ރަށްތަކަށް އަނެއް ބުރުގައި ޓްރޮފީ ގެންދެވޭނެއެވެ.

ނ. އަތޮޅުގެ އިތުރުން ދެން މި ބުރުގައި ޓްރޮފީ ގެންދެވޭނީ ލ. ކުނަހަންދުއާއި ލ. މާބައިދޫގެ އިތުރުން ތ. ތިމަރަފުއްޓާއި ކިނބިދުއަށެވެ. ލ. ކުނަހަންދުއަށް ތަށި ގެންދާނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުގައެވެ. އެ އަތޮޅު މާބައިދުއަށް ތަށި ގެންދާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގައެވެ.

ތ. ތިމަރަފުއްޓަށް އޮކްޓޯބަރު 13 ވާ ހޮނިހިރު ދުވަހު ތަށި ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ޖެހިގެން އަންނަ ދުވަހު ތަށި ގެންދާނީ އެ އަތޮޅު ކިނބިދުއަށެވެ.

މިއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ އިރު، އެ އަހަރުވެސް މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވެއެވެ.

ސާފް ޗެމްޕިއަންޝިޕް ދެވަނަ ފަހަރަށް ކާމިޔާބުކޮށް، މިފަހަރު ރާއްޖޭގެ ޓީމުން މާލެ އައުމާއެކުވެސް އެތައް ހާސް ބަޔަކު ވަނީ ޓީމަށް މަރުހަބާ ކިޔައިފައެވެ.

ރާއްޖެއިން މި ފަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލައިފައި ވަނީ ބަންގްލަދޭޝްގައި މިދިޔަ މަހު ބޭއްވު މުބާރާތް ކާމިޔާކޮށްގެންނެވެ. ފައިނަލްގައި ރާއްޖެއިން އިންޑިއާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.