މަތި އުތުރުގެ އެންމެ ބޮޑު ސާނަވީ ސްކޫލް ކަމަށްވާ ހދ.ކުޅުދުއްފުށީ، ޖަލާލުއްދީން ސްކޫލްގެ އިންޓަރހައުސް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ "ސަފާޔަރ ހައުސް" ހޯދައިފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ޖަލާލުއްދީން ސްކޫލްގެ 19 ވަނަ އިންޓަރހައުސް ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން "ސަފާޔަރ ހައުސް" ހޯދާފައިވަނީ އިއްޔެ ކުޅެވުނު މުބާރާތުގެ ފައިނަލުގައި 19 – 09 އިން "ޓޮޕާޒް ހައުސް" ގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފައިނަލު މެޗުވެސް ބޮޑު ތަފާތަކުން ސަފާޔަރ ހައުސް ކާމިޔާބު ކުރިއިރު، އެމަރަލްޑް ހައުސްއާއި ބައްދަލުކުރި މެޗު 20- 5 އިން ސަފާޔަރ ހައުސް ކާމިޔާބު ކުރިއިރު، ރޫބީ ހައުސްއާއި ބައްދަލުކުރި މެޗު ކާމިޔާބުކުރީ 30 – 5 އިންނެވެ. އަދި މުބާރާތް ހުޅުވި މެޗު ޓޮޕާޒް ހައުސްގެ މައްޗަށް ކާމިޔާބު ކޮށްފައިވަނީ 16 – 4 އިންނެވެ.

19 ވަނަ އިންޓަހައުސް ނެޓްބޯޅަ މުބާރާތުގެ މެޗެއްގެ ކުޅުމުގެ ތެރެއިން – ފޮޓޯ: ޖަލާލުއްދީން ސްކޫލް

މި މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައިވަނީ، ޓޮޕާޒް ހައުސްގެ މަރިޔަމް ނިހާ، މައިޝަމް އަބްދުﷲ، ސަފާޔަރ ހައުސްގެ އައިމިނަތު ރާޔާ އަބްދުއްރައްޒާގް، އައިޝަތު އަތީފާ ޢަލީ، ހަނީފާ އަބދުﷲ، އަރޫޝާ އިބްރާހިމް އަދި އެމަރަލްޑް ހައުސްގެ އާޤިޝަތު އަބްދުﷲއެވެ. އަދި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ޓޮޕާޒް ހައުސްގެ ގޯލް އެޓޭކަރ، ނާއިލާ އަބްދުލް ކަރީމް ހޮވުނުއިރު މުޅި މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަމަ އެ ހައުސްގެ މަރިޔަމް ނިހާއެވެ.

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނާއި އުއްމީދީ އަދި މުޅި މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔާ – ފޮޓޯ: ޖަލާލުއްދީން ސްކޫލް

މާރޗް 5 އިން 8 އަށް ހދ.ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މި މި މުބާރާތުގައި ވާދަކޮށްފައިވަނީ ސަފާޔަރ ހައުސްގެ އިތުރުން ޓޮޕާޒް، އެމަރަލްޑް އަދި ރޫބީ ހައުސްއެވެ.

ޖަލާލުއްދީން ސްކޫލަކީ ސަރަހައްދީ އަދި ޤައުމީ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެ ހދ.އަތޮޅަށް ރީތި ނަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ، އަތޮޅުގެ ގިނަ ރަށްރަށުގެ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ސްކޫލެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު