ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބ. ފެހެންދޫ ކޮޅަށް 11 ގޯލް ޖަހައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަލީ ފާސިރު (ސެންޓޭ) ހެޓްރިކް ހަދާފައިވާ އިރު، ނިއުއިން މެޗު ކާމިޔާބުކުރީ 11-0ގެ ނަތީޖާއަކުންނެވެ.

ސާފް ޗެމްޕިއަންޝިޕަށް ދެ މަހެއްހާ ދުވަހަށް ލީގު މެދު ކަނޑާލުމާ ގުޅިގެން އަތޮޅު ތެރެއިން ޕްރިމިއާ ލީގުގައި ކުޅޭ ޓީމުތަކަށް މާލި ގޮތުން ދަތިތަކެއް ދިމާވެފައިވާ އިރު، މިއަދު މެޗަށްފަހު ފެހެންދޫ ޓީމުންވެސް ބުނީ ޓީމުގައި ފިޓްނަސް މައްސަލައިގެ އިތުރުން އެހެނިހެން ގިނަ މައްސަލަތަކެއް އުޅޭ ކަމަށެވެ. އަދި މިއަދުގެ މެޗަށް ނުކުތް އިރު، ޓީމު އޮތް ހާލަތުންވެސް ނިއު މެޗު ކާމިޔާބުކުރާނެކަން އެނގޭ ކަމަށްވެސް ފެހެންދޫން ބުނެފައިވެއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ނިއުރޭޑިއަންޓް އަދި ފެހެންދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގެ ފުރަތަމަ ހާފްގައިވެސް ގިނަ ފުރުސަތުތައް ތަނަވަސްކޮށް، މެޗު ޑޮމިނޭޓްކުރީ ނިއުއިންނެވެ. ފެހެންދޫގެ ފަރާތުން ފެނުނީ މަދު ހަމަލާތަކެކެވެ. އެގޮތުން މެޗުގެ ކުރީކޮޅުގައި އަހުމަދު ނިޒާމް (ނިޒާމްބެ)އަށް ލިބުނު ފުރުސަތުގެ އިތުރުން އާދަމް ނިޒާމަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. އެ ފުރުސަތުތަކުގައި ނިއުއަށް މާބޮޑު ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ.

މެޗުގެ 10 ވަނަ މިނެޓުގައި ނިއުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައެވެ. އަލީ ފާސިރު (ސެންޓޭ)އަށް ލިބުނު ހަމަލާ އޭނާ ބާރަށް ފޮނުވާލި ނަމަވެސް، ދިޔައީ ގޯލާ އަމާޒުނުވެ މަތިންނެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ނިއު ލީޑު ނެގިއެވެ. އަހުމަދު އަބްދުﷲ (ލިލީ) އަރިމަތިން ނަގައިދިން ހުރަސް، ވަރަށް ރީތިކޮށް ގޯލްގެ ކަނަށް، ބޮލުން ފޮނުވާލީ ކަންޑެލާއެވެ.

އޭގެ އިރުކޮޅެއްފަހުން ނިއުއިން ލީޑު ފުޅާކުރިއެވެ. އަތޫރޭ ކިޕްސަންގެ ތުރޫ ބޯޅަ، ހަމްޒާ މުހައްމަދު (ހަމްޕު) ކުރިއަށް ފޮނުވާލުމުން ފެހެންދޫ ގޯލްކީޕަރު މަތަކުރި ނަމަވެސް، ރީބައުންސްގައި ސެންޓޭ ބޯޅަ ގޯލަށް ވައްދާލިއެވެ.

ހާފް ނިމުމުގެ ކުރިން ނިއުއިން ވަނީ އިތުރުން ދެ ގޯލް ޖަހައި، މެޗުގެ ނަތީޖާ 4-0އަކަށް ބަދަލުކޮށްލައިފައެވެ. އެ ދެގޯލްވެސް ނިއުއަށް ކާމިޔާބުކޮށްދިނީ ރުވާންޑާގެ ފޯވަޑް އަތޫރޭއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ނިއުރޭޑިއަންޓް އަދި ފެހެންދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދެވަނަ ހާފްވެސް ނިއުއިން ފެށީ ވަރުގަދަކޮށެވެ. 59 ވަނަ މިނެޓުގައި މެޗުގެ ފަސްވަނަ ގޯލް އެޓީމަށް ޖަހައިދިނީ ސެންޓޭއެވެ. ސެންޓޭގެ ބަރު ހަމަލާ ދިފާއުކުރަން ފެހެންދޫގެ ޑިފެންޑަރު ފައިން ބޯޅައިގައި ޖެއްސި ނަމަވެސް، އެ ހަމަލާ ވަނީ ގޯލްގެ ތެރެއަށެވެ.

ދެވަނަ ހާފްގައި ނިއުއަށް ދެ ޕެނެލްޓީވެސް ލިބިފައިވެއެވެ. މުހައްމަދު ރަޝީދު (ހޮކޭ)އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ފުރަތަމަ ޕެނަލްޓީ ހަމްޕު ކާމިޔާބުކޮށްދިން އިރު، ސެންޓޭއަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނެލްޓީ ކާމިޔާބުކޮށްދިނީ މުހައްމަދު އުމައިރެވެ.

ސެންޓޭ އޭނާގެ ހެޓްރިކް ކާމިޔާބުކުރީ މެޗުގެ 74 ވަނަ މިނެޓުގައެވެ. އޭގެ ފަހުން ނިއުއިން ޖެހި ތިން ގޯލަކީވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި ނުކުތް ތިން ކުޅުންތެރިން ޖެހި ތިން ގޯލެވެ. ރިހާމް އަބްދުލްޣަނީ (ބޮބީ)އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ނިންމާލި އިރު، ހަސަން އަދުހަމް (ސަޑޭ) ޖެހި ގޯލަކީ އޭނާ ޑިފެންޑަރު ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މެޗު ނިމެން ދަނިކޮށް ނިއުގެ 11 ވަނަ ގޯލް ޖަހައިދިނީ ޒުވާން ފޯވަޑް އިބްރާހީމް އަތީގެވެ. އަތީގު ދުރުން ފޮނުވާލި ބާރު ހަމަލާއަށް ފެހެންދޫ ގޯލްކީޕަރަށް ކުރެވޭނެ މާ ބޮޑު މަސައްކަތެއް ނެތެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ނިއުރޭޑިއަންޓް އަދި ފެހެންދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުން މޮޅުވި ނިއުއަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު، ބައްޔެއް ނުވެ އޮތް ޓީސީއެވެ. ހަ މެޗުން ހަތަރު ޕޮއިންޓާއެކު ފެހެންދޫ އޮތީ ތާވަލުގެ އަށްވަނައިގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗު މާދަމާ އޮންނާނެއެވެ. ހަވީރު 4:00ގައި އޮންނަ މެޗުގައި ށ. ފޯކައިދުއާއި ފ. ނިލަންދޫ ވާދަކުރާ އިރު، މާދަމާ ރޭ 9:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ކްލަބު އީގަލްސްއާއި ތ. ތިމަރަފުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަށްދު

    ފެހެންދޫ ޓީމް ބޮޑުކަންނެއްޔަށް ފުރާ 115 ފޫޓްގެ ފައިބަރ ކަންނެލި ދޯންޏެއް އަޅުގަޑު ދީފާނަމެ