އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި މެންޗެސްޓަރ ސިޓީގެ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ޑި ބްރޭނާގެ ކަނާތު ފައިގެ ކަކުލަށް އަނިޔާވެފައިވަނީ މިދިޔަ އޮގަސްޓު މަހުގެ މެދު ތެރޭގައެވެ. އެ އަނިޔާގެ ސަބަބުން ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށް ސިޓީން ވަނީ މީގެކުރިން ބުނެފައެވެ.

ނަމަވެސް ކުރިން ހީކުރި ވަރަށްވުރެ އަވަހަށް ޑި ބްރޭނާ ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާއިރު ޗެމްޕިއަންސް ލީގުގައި ސިޓީން މިރޭ ޖަރުމަނުގެ ހޮފެންހެއިމްއާ ދެކޮޅަށް ނިކުންނާނެއެވެ. ނަމަވެސް މި މެޗުގައި ޑި ބްރޭނާ ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެމްޕިއަންސް ލީގުގެ މެޗަށްފަހު ޕްރިމިއާ ލީގުގައި އަންނަ އާދީއްތަ ދުވަހު ސިޓީ ނިކުންނާނީ ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލްއާ ދެކޮޅަށެވެ.

މިދިޔަ ސީޒަނުގައި ސިޓީގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޑި ބްރޭނާ މި ސީޒަނުގައި އެޓީމަށް ކުޅެދިނީ އެންމެ މެޗެކެވެ. އެއީ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އާސެނަލްގެ މައްޗަށް 2-0 އިން ސިޓީން ކުރި ހޯދި މެޗުގައެވެ.

މިދިޔަ ސީޒަނުގައި ސިޓީ އަށް ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްދިނުމުގައި ޑި ބްރޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ސީޒަނުގައި 12 ގޯލު ކާމިޔާބުކޮށް 21 އެސިސްޓް ހަދާފައެވެ.