ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފ. ނިލަންދޫ ބަލިކޮށް، ށ. ފޯކައިދޫއިން ތާވަލުގެ ހަތަރުވަނަ މަގާމަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފޯކައިދޫން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެ ގޯލްވެސް ފެނިފައި ވަނީ ފަހު ހާފްގެ، ފަހުކޮޅުގައެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، ފޯކައިދޫ އޮތީ ބްރޭކްގެ ފަހުން ކުޅުނު ފުރަތަމަ މެޗުގައި ބ. ފެހެންދޫ ބަލިކޮށް، ތާވަލުގެ ހަވަނައިގައެވެ. އަދި ނިލަންދޫ އޮތީ އެންމެފަހުން ކުޅުނު މެޗުގައި ތ. ތިމަރަފުށި ބަލިކޮށް، ތާވަލުގެ ނުވަ ވަނައިގައެވެ.

ހަތަރުވަނައިގައި މިވަގުތު ފޯކައިދޫ އޮތީ ފަސްވަނައިގައި އޮތް ކްލަބު އީގަލްސްއާއި ޕޮއިންޓްގެ ގޮތުން ހަމަހަމަވެ، ފައިދާ ގޯލްގެ ތަފާތުންނެވެ. އެ ދެޓީމަށްވެސް އަށް ޕޮއިންޓް ލިބިފައިވާ އިރު، ފޯކައިދޫ ވަނީ އީގަލްސްއަށްވުރެ މެޗެއް އިތުރަށް ކުޅެފައެވެ. އަދި ހަވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، އެޓީމުންވެސް ކުޅެފައި ވަނީ ފޯކައިދުއަށްވުރެ އެއް މެޗު މަދުންނެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ށ. ފޯކައިދޫ އަދި ފ. ނިލަންދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެދުތެރޭގައި ގިނަވަގުތު ބޯޅަ ގެންގުޅެފައިވާ އިރު، ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މާ ބޮޑު ފުރުސަތުތަކެއް ލިބިފައެއް ނެތެވެ.

ހާފްގެ ފަހުކޮޅުގައި ނިލަންދޫއަށް ރަނގަޅު ހިސާބަކުން ލިބުނު ހިލޭ ޖެހުން، އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ވޭކޫ ލޫކަސް ކުރިއަށް ފޮނުވާލި ނަމަވެސް ގޯލާ އަމާޒު ވާގޮތެއް ނުވިއެވެ. އެ ހަމަލާގެ އިތުރުން ދެޓީމަށްވެސް އެންމެ އެދެވޭ ހަމަލާތަކެއް ނޫފެއްދި ހާފް ނިމިގެން ގޮސްފައިވާ އިރު، ދެޓީމުންވެސް މަސައްކަތް ކުރީ ޕާސްތަކެއް ޖަހައިގެން އެޓޭކް ކުރުމަށެވެ.

ހާއްސަކޮށް ފޯކައިދޫން ދެފަޅިން ހުރަސް ނަގައިގެން ކުޅެން މަސައްކަތް ކުރިކަން ފާހަގަކޮށްލެވުނެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ށ. ފޯކައިދޫ އަދި ފ. ނިލަންދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅުގައިވެސް، އޯޕަން ގިނަ ފުރުސަތުތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެހެން ނަމަވެސް، ހާފްގެ ކުރީކޮޅުގައި ދެ ހަމަލާއެއް ފެނިގެން ގޮސްފައިވެއެވެ.

އެގޮތުން ފޯކައިދޫގެ ބިދޭސީ ކުޅުންތެރިޔާ ހަލީލް ގަމާލް ފޮނުވާލި ބޯޅަ ސީދާ ނިލަންދޫގެ ގޯލްކީޕަރު އަތަށް ދިޔަ އިރު، އަނެއް ކޮޅުން އާދިލް އަލީ ފޮނުވާލި ހަމަލާ ދިފާއުކުރީ ފޯކައިދޫގެ ގޯލްކީޕަރު ސާގިބު ހަނީފެވެ.

މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔައީ 75 ވަނަ މިނެޓުގައި ނިލަންދޫގެ ޑިފެންޑަރު ހަބީލާ މާލޭއަށް ދެއްކި ރަތްކާޑާ އެކުގައެވެ. އޭނާއަށް އޭގެ ތަންކޮޅެއް ކުރިން ރެފްރީ ރީނދޫ ކާޑު ދައްކާފައިވަނިކޮށް، ރަތް ކާޑު ދެއްކީ ގަސްދުގައި ބޯޅައިގައި އަތުން ޖެއްސުމުން، ދެވަނަ ރީނދޫ ކާޑާއެކުގައެވެ.

ނިލަންދޫން ކުޅުންތެރިޔަކު މަދުކޮށް ކުޅުމުގެ ފައިދާ ފޯކައިދޫން ވަރަށް ރަނގަޅަށް ނެގިއެވެ. އެގޮތުން 79 ވަނަ މިނެޓުގައި ފޯކައިދޫން ލީޑު ނެގިއެވެ. އަރިމަތިން ޒުވާން ޑިފެންޑަރު ހަސަން ނަޒީމް ނަގައިދިން ހުރަސް ގޯލަށް ވައްދާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ޝަމާލެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ށ. ފޯކައިދޫ އަދި ފ. ނިލަންދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ގޯލާއެކު ފޯކައިދޫން އިތުރު ހިތްވަރަކާއެކު ކުރިއަށް ޖެހިގެން ކުޅެން ފެށިއެވެ، ނަތީޖާއެއްގެ ގޮތުން މެޗުގެ 86 ވަނަ މިނެޓުގައި ފޯކައިދޫން ލީޑު ފުޅާކުރިއެވެ. މެދުތެރެއިން އަހުމަދު މުހައްމަދު (އައްމަޑޭ) ދިން ބޯޅައަށް މަސައްކަތް ކޮށް، ފަސޭހަކަމާއެކު ގޯލަށް ބޯޅަ ނިންމާލައިގެން ފޯކައިދޫއަށް ލީޑު ފުޅާކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި މުހައްމަދު ޖައިލަމް (އޮގީ)އެވެ. އޮގީ ވަނީ އެންމެފަހުން ފެހެންދުއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ދެ ގޯލް ޖަހައިފައެވެ.

މިއަދުގެ މެޗު ނިމެން ދަނިކޮށްވެސް ނިލަންދޫއަށް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައެވެ. އިބްރާހީމް ފުރުގާން (ފުގޭ) ދިން ބޯޅަ، އާދިލް ވަރަށް ބާރަށް އޭރިއާ ތެރެއިން ފޮނުވާލި ނަމަވެސް، ގޯލްކީޕަރު ސާގިބު ހަނީފް ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ 9:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ތ. ތިމަރަފުއްޓާއި ކްލަބު އީގަލްސްއެވެ.