އަހުމަދު ރިޒުވާން (ރިޒޭ)ގެ ހަތަރު ގޯލާއެކު، ތ. ތިމަރަފުށީ ކޮޅަށް ކްލަބު އީގަލްސްއިން ނުވަ ގޯލް ޖަހައިފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 9-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުން މޮޅުވެ އީގަލްސްއިން ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުން އެޓީމަށް 11 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި އޮތް ޓީސީއަށް ލިބެނީ ފަސް މެޗުން 15 ޕޮއިންޓެވެ. ދެވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަ މެޗުން ލިބެނީ 13 ޕޮއިންޓެވެ.

ހަތަރުވަނައިގައި އޮތް ކްލަބު ގްރީން ސްޓްރީޓްސް އަދި ފަސް ވަނައިގައި އޮތް މާޒިޔާވެސް ކުޅެފައި ވަނީ އީގަލްސްއަށްވުރެ އެއް މެޗު މަދުންނެވެ.

ތިމަރަފުށިން ލީގުގެ ފުލުގައި އޮތީ މޮޅެއް ނުލިބިއެވެ. އެޓީމަށް ފައިސާގެ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ އިރު، މިރޭގެ މެޗަށް ޓީމު ކިރިޔާ ހަމަވީއެވެ. މިދިޔަ ހަފްތާގައި ބ. ފެހެންދުއާއި ނިއު ކުޅުނު މެޗުންވެސް ނިމުނީ ތަފާތު ބޮޑުކޮށެވެ. އެގޮތުން ނިއުއިން ވަނީ ފެހެންދޫ ކޮޅަށް 11 ގޯލް ޖަހައިފައެވެ.

މިރޭގެ މެޗުގެ ސްކޮޑުގައި ތިމަރަފުއްޓަށް ހިމެނިފައި ވަނީ ބަރާބަރު 11 ކުޅުންތެރިންނެވެ. އެޓީމުގެ ފުލް ޓީމުގައި އާއްމުކޮށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް މެޗަށް ނުގެނެވޭ ކަމަށާއި، އެ މައްސަލަތައް ދިމާވަނީ ޓީމުގައި ފައިސާ ނެތުމުން ކަމަށް މެޗަށްފަހު ވާހަކަ ދެއްކި އޮފިޝަލަކު ބުނެފައިވެއެވެ.

ތިމަރަފުއްޓާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ފަހުމީ

މިރޭގެ މެޗުގެ ފަހު ހާފްގައި ތިމަރަފުށީ ގޯލްކީޕަރު އެޑެޓުންޖީ ލޮރެންސަށް އަނިޔާވެގެން ބަދަލުގައި ކުޅެން ނެރޭނެ ކީޕަރެއް، އަދި ކުޅުންތެރިއަކުވެސް ނެތުމުން އޭނާގެ ބަދަލުގައި ގޯލަށް އެރީ ތިމަރަފުށީ ފުލް 11އަށް ކުޅެމުންދިޔަ ކުޅުންތެރިއެކެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް އީގަލްސްއިން ހައި ޕްރެސިން އެޓޭކިން ގޭމެއް ކުޅެމުންދިޔަ އިރު، މުޅި ޓީމު އައީ އެޓޭކްގައި ބައިވެރިވަމުންނެވެ. ހާއްސަކޮށް މެދުތެރެއިން ކުދި ޕާސްތަކެއް ޖަހައިގެން އީގަލްސްއިން އެޓޭކް ކުރަމުންދިޔަ އިރު، ތިމަރަފުށީ ޑިފެންސަށް ފުލުފުލުގައި ނުރައްކާ ކުރަމުންދިޔައެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި އީގަލްސްއިން ލީޑު ނެގިއެވެ. އަރިމަތިން ފަހަތަށް ކުޅެމުންދިޔަ ހުސައިން ސިފާއު (ކްރޯ) އެޓީމަށް ލީޑު ނަގައިދިން އިރު، އޭގެ ހަތް މިނެޓް ފަހުން އީގަލްސްއިން ލީޑު ފުޅާކުރިއެވެ.

އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން މުހައްމަދު އާރިފް (ބަކާ) ކުރިއަށް ފޮނުވާލި އިރު، އެ ބޯޅަ ތިމަރަފުށީ ގޯލްކީޕަރު ލޮރެންސް އަތު ތެރެއިން ކައްސާލައިގެން ވެއްޓުނީ ރިޒޭގެ ފައި ބުޑަށެވެ. އޭނާ ހަމަ ޖެހިލައިފައި ނިންމާލީ ގޯލް ތެރެއަށެވެ.

ދެވަނަ ގޯލަށްފަހުވެސް އީގަލްސްއިން ފުލުފުލުގައި އެޓޭކް ކުރަމުންދިޔައެވެ. ފޯވާޑަށް ކުޅެމުންދިޔަ ޖުމައިލް ޖަމީލްގެ ދެ ހަމަލާއެއް ނާކާމިޔާބުވެފައިވާ އިރު، މުހައްމަދު ނާއިމްއަށްވެސް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ތިމަރަފުއްޓާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ފަހުމީ

މިރޭގެ މެޗަށް އީގަލްސްއިން ނުކުތީ އެޓީމުގެ ބްރެޒިލް ފޯވަޑް ލުއިޒް އެޑުއާޑޯގެ އިތުރުން އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޑެނިއަލް ޑިކްސަންވެސް ނުލައެވެ. ގޯލްކީޕަރު އަދި ކެޕްޓަން ސުޖަން ޕެރޭރާގެ ބަދަލުގައި ގޯލް ބެލެހެއްޓީވެސް މިފްދާދު އަހުމަދެވެ.

ހާފް ނިމުމުގެ ކުރިން 39 ވަނަ މިނެޓުގައި ކްރޯގެ ދެވަނަ ގޯލާއެކު އީގަލްސްއިން ލީޑު ފުޅާކުރިއެވެ. އަދި ފުރަތަމަ ހާފްގެ އިތުރުން ވަގުތުގައި ނާއިމްއާއި ރިޒޭގެ ގޯލްތަކުން އީގަލްއިން ނަތީޖާ 5-0އަކަށް ބަދަލުކޮށްލިއެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައިވެސް އީގަލްސްއިން މޮޅަށް ކުޅެ، އެޓޭކްތައް އުފެއްދި ނަމަވެސް، އެޓީމަށް ހަވަނަ ގޯލް ޖެހުނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. ރިޒޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އިރު، އޭގެ ފަސް މިނެޓް ފަހުން ހަސަން ރާއިފް (ހަންނަ)ގެ ގޯލާއެކު އީގަލްސްއިން ހަތްވަނަ ގޯލް ޖެހިއެވެ.

އެ ގޯލަށްފަހު އަނިޔާގައި ކުޅެމުންދިޔަ ތިމަރަފުށީގެ ގޯލްކީޕަރު ބަދަލުކުރަން އެޓީމަށް މަޖުބޫރުވިއެވެ. އެހެން ނަމަވެސް ބެންޗުގައި އިތުރު ކުޅުންތެރިއަކު ނެތުމުން ކީޕަރަށް އެރީ ޓީމުގެ ކުޅުންތެރިއެކެވެ. އޭގެ ފަހުން ތިމަރަފުށި ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ.

ތިމަރަފުއްޓާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ފަހުމީ

އޭގެ ފައިދާ ނަގައި، އީގަލްސްއިން ވަނީ މެޗުގެ ފަހު ކޮޅުގައި ފުލުފުލު ދެ ގޯލް ޖަހައިފައެވެ. މެޗުގެ ފަހު ހާފްގެ ބޮޑުބައި ކުރިއަށް ކުޅުނު ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް)ގެ އިތުރުން ދެން ގޯލް ޖެހީ ރިޒޭއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗު މާދަމާވެސް އޮންނާނެއެވެ. ހަވީރު 4:00ގައި އޮންނަ މެޗުގައި މާޒިޔާއާއި ކްލަބު ގްރީން ސްޓްރީޓްސް ވާދަކުރާ އިރު، މާދަމާ ރޭ 9:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.